ސޯޝަލް މީޑިއާގައި ފޭކް އެކައުންޓުތަކެއް ހަދައިގެން ފޮރެކްސް ޓްރޭޑިންގެ ނަމުގައި ބޮޑު ސްކޭމެއް ހިންގާތީ އެކަމާމެދު ސަމާލުކަމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި "ހުދާ ހީފަމް" އަދި އެހެންވެސް ނަންނަމުގައި ފޮރެކްސް ޓްރޭޑްކޮށްދޭނެ ކަމަށް ބުނެ ފައިސާ އިންވެސްޓް ކުރުމަށް އެދި ސްކޭމެއް ހިންގަމުންދާ ކަމަށެވެ. އެގޮތުން އަސްލު މީހުންގެ ފޮޓޯ ބޭނުންކޮށްގެން ފޭކް އައިޑީތައް ހަދައިގެން މި ސްކޭމް ހިންގަމުންދާއިރު މިކަމާ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ސްކޭމަރުން ކަންތައް ކުރަމުންދާ ގޮތަކީ އަސްލު މީހެއްގެ ފޮޓޯ ޕްރޮފައިލްގައި ބޭނުން ކޮށްގެން ފޭކް އެކައުންޓްތައް ހަދައި އެއީ އަސްލު މީހެއް ކަމަށް އިތުބާރު ހޯދުމަށްފަހު ފައިސާ އިންވެސްޓް ކުރުމަށް އެދެނީ ކަމަށާއި ގިނަ ފަހަރަށް ޕްރޮފައިލްގައި ފޮޓޯ ބޭނުން ކުރާ ފަރާތައް އެމީހެއްގެ ފޮޓޯ ބޭނުންކޮށް ސްކޭމެއް ހިންގާކަން ވެސް ނޭނގޭ ކަމަށް ފުލުހުން ބުނެއެވެ.

ސްކޭމް ހިންގާ ފަރާތްތަކުން އެ މީހުންނަކީ ފޮރެކްސް ޓްރޭޑް ކުރާ ބައެއް ކަމަށް ބުނެ ފޮރެކްސް ޓްރޭޑް ކޮށްގެން ލިބިފައިވާ ފައިދާކަމަށް ބުނެ ފޭކް ބޭންކް ޓްރާންސްފާ ސްލިޕްތަކެއް ދައްކައި މީހުންގެ އިތުބާރު ހޯދައެވެ. އަދިއެއަށްފަހު މީހުންގެ އަތުން ފައިސާ ނަގައި އެ ފައިސާ އިންވެސްޓްކޮށްގެން ލިބޭ ލާރި ދޭނެ ކަމަށް ބުނި ނަމަވެސް ފައިސާ ނެގުމަށްފަހުު ދެން އެމީހުންގެ ހަބަރެއް ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ

ސްކޭމްގެ އެކައުންޓުތައް އާންމުކޮށް ހިންގަނީ އިންސްޓަގްރާމް އަދި ފޭސްބުކްގައިކަން ފާހަގަކޮށް ފުލުހުން ބުނީ މިހާރު ވެސް ބައެއް މީހުން މި ސްކޭމްގެ ޝިކާރައަކަށްވެފައިވާ ކަމަށެވެ. އަދި މި ސްކޭމްގައި ޖެހިފައިވާ މީހުން ލަސްނުކޮށް އެކަން ފުލުހުންނަށް ރިޕޯޓް ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.