ރާއްޖޭގައި މުޅިން އަލަށް ގާއިމް ކުރި މަސްނޫއީ އަތާއި ފައި ހަދައިދޭ ލެބް ހުޅުމާލޭ ހޮސްޕިޓަލްގައި މިއަދު ހުޅުވައިފި އެވެ.
މިއަދު ހުޅުވި މި ލެބުން މަސްނޫއީ އަތާއި ފައިގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ހާއްސަ ބޫޓު ހަދާދިނުމަށް ހަމަަޖެހިފައި ވެއެވެ. ޒަމާނީ ވަސީލަތްތަައް އެކުލެވޭ ފެންވަރުގެ ރަނގަޅު ހޮސްޕިޓަލްތައް ގާއިމްކުރުމުގެ ސިޔާސަތުގެ ދަށުން އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމްކުރި މި ލެބްގެ ހިދުމަތް ފައްޓަވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.
މި ލެބް ހުޅުއްވާދެއްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ސިއްހީ ދާއިރާ ހަރުދަނާކޮށް އެއްވެސް މީހަކު ބާކީނުކޮށް އެންމެ ބޭނުންޖެހިފައިވާ މީހުނަށް އެ ބޭނުންތައް ފުއްދައިދިނުން ކަަމަށެވެ.
އަދި މި ވަސީލަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ތައްޔާރު ކުރަން ފެށުމާއެކު މިކަމަށް ސަރުކާރުން ހޭދަކުރާ ހަރަދުގެ 3 ގުނަ ސަލާމަތްކުރެވޭނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ އެ ފަރާތްތަކަށް ފައިސަލް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުން ހިދުމަތް ހޯދާ 18 އަހަރުން ދަށުގެ 480 އަށްވުރެ ގިނަ ކުދިން ތިބިއިރު މީގެ ކުރިން އެފަދަ އަލާތްތައް ކުދިންނަށް ފޯރުކޮށްދެމުން އައީ ރާއްޖެއިން ބޭރަށް މިން ފޮނުވައިގެންނެވެ. އެންސްޕާގެ އެހީއައެކު އެތަކެތި ލިބިނު ނަމަވެސް ކަސްޓަމައިޒްޑް އެއްޗިސް ކަމުން ތައްޔާޜު ކުރުމަށް ގިނަ ވަގުތު ހޭދަވެއެވެ.
މި ހިދުމަތް ރާއްޖޭގައި ފަށާފައި ވަނީ އިންޑިއާގެ އާޓިފިޝަލް ލިމްބްސް މެނުފެކްޗަރިން ކޯޕަރޭޝަނާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި ދެ މުވައްޒަފަކަށް ތަމްރީނު ދިނުމަށްފަހުއެވެ.