މިސް ޔުނިވާސް އަކީ، ދުނިޔޭގެ އެކި ގައުމުތަކުން ރީތި އަންހެން ކުދިން ބައިވެރިވާ މުބާރާތެކެވެ. ހުޅަނގުގެ ގައުމުތަކާއި އިސްލާމީ ބައެއް ގައުމުތަކުންވެސް ބައިވެރިވާ މު މިބާރާތުގައި އިންޑޮނީޝިއާއިން ބައިވެރިވެރިވި ކުދިން ބަރަހަނާކޮށް ފޮޓޯ ނަގާ ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތު ކޮށްފިއެވެ.

މިމަހުގެ 3 ގައި އޮތް ފައިނަލަށް ދިޔުމުގެ 2 ދުވަސް ކުރިން ހުރިހާ ބައިވެރިން ބަރަހަނާ ކުރި ކަމަށާއި އެކުދިންގެ ގައިގައި ލަކުނާއި ޓެޓޫ އަދި އަިބެއް ހުރިތޯ ޗެކްކުރަން އޯގަނައިޒަރުން ބޭނުން ވީ ކަމަށް ލޯޔަރުން ބުނެއެވެ.

އެއާއެކު ބައެއް ބައިވެރިން ބުނީ އެއީ އެ ބައިވެރިންގެ ކަރާމަތާއި ހައްގުތަކަށް އަރައިގަތުން ކަމަށް ދެކޭ ކަމަށާއި އެކަމުގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިވެ ރޭގަނޑުގެ ހަމަ ނިދިވެސް މިހާރު ނުލިބޭ ކަމަށެވެ.

މިމައްސަލަ އިންޑޮނީޝިއާގެ ފުލުހުން ތަހުގީގު ކުރަން ފަށާފައި ވާއިރު މިސް ޔުނިވާސްގެ މައި އިދާރާއިން ބުނެފައި ވަނީ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަަކުގެ ގޮތުގައި ބަލާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

މޫނު ނޭނގޭ ގޮތަށް އިންޑޮނީޝިއާގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި އެ މުބާރާތުގައި ބައިވެރިވި 3 އަންހެނަކު ބުނީ، އެމީހުންގެ ހަށިގަނޑު ޗެކް ކުރުމުގެ ނަމުގައި އެކަހެރި ކޮޓަރިއަކަށް ވައްދާ ކަމަށާއި، ބައެއް ފިރިހެނުންވެސް ތިބޭ އިރު ކޮޓަރީގެ ދޮރު ރަނގަޅަށް ނުލައްޕާ ބެހެއްޓުމާއި އިތުރު އެހެން ފިރިހެނުންނަށް ވެސް ފެންނަ ގޮތަށް އެކަން ކުރާކަމަށެވެ.

އިންޑޮނީޝިއާ އަކީ މުސްލިމް މެޖޯރިޓީ އޮންނަ ގައުމަކަށް ވީ ނަމަވެސް މިސް ޔުނިވާސް މުބާރާތުގައި އާންމުކޮށް ބައިވެރިވެއެވެ. މީގެ ކުރިން 2013 ގައި އޮތް މުބާރާތުގައި ބިކިނީ ބައިގައި ބައިވެރިވާން ޖެހޭތީ އެފަހަރު ވަނީ ކެންސަލްވެސް ކޮށްފައެވެ.

މިސް ޔުނިވާސްގެ މިއީ 73 ވަނަ މުބާރާތެވެ. އިންޑޮނީޝިއާގެ އިތުރުން ޕިލިޕީންސާއި ތައިލޭންޑްގައި ވެސް މިއީ ވަރަށް މަގުބޫލު މުބާރާތެކެވެ. މި މުބަރާތުން ވަނަތައް ހޯދާ ދެކުނު އިތުމަތީ އޭޝިއާގެ ކުދިންނަކީ އެ ގައުމުތަކުގައި ސޯޝަލް މީޑިއާގެ އިންފްލުއެންސަރުންގެ ގޮތުގައި ފާހަގަވެގެން ދެއެވެ.