ރޭ ގދ. ގައްދޫގައި އެމްޑީޕީން ބޭއްވި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި އެމްޑީއޭގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ ދެއްކެވި 'ހުތުރު ވާހަކަ' އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރޭގެ ޖަލްސާގައި ރަފިއްޔާ ވަނީ މީގެ ކުރިން ވެރިކަން ކުރެއްވި ރައީސުންގެ މަސައްކަތްތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރަފިއްޔާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެޅި ހައުސިން ޔުނިޓުތަކަކީ "ގެބައްރާއޭ" ވިދާޅުވެ އެތަންތަން ހުރީ ހަތަރު ފަރާތުން ރާޅު އަރާ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު ރަފިއްޔާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލޭގައި ފެންފޯއް ރުއް އިންދެމާ ގުޅިގެން ފާޑު ވިދާޅުވެފައެވެ. އެގޮތުން އެކަމުން އެއްވެސް ނަތީޖާއެއް ނުނިކުތްކަން ހާމަކުރެއްވުމުގެ ގޮތުން ރަފިއްޔާ ވަނީ ބޭ އަދަބީ ބަހެއް ބޭނުން ކުރައްވާފައެވެ.

ފެންފޯއް ރުއް އިންދީމަ ކިހިނެތްތޯ ވަނީ، ފކށ ފައިން އެރިގެން އިރުކޮޅަކުން އުޅޭނީ. އެހެން ނޫންތޯ ވާނީ
ޑރ. ރަފިއްޔާ

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެފައި ވާއިރު ގިނަ ބަޔަކު ބުނަމުން ދަނީ ރަށްރަށަށް އަރައި ކުޑަ ކުދިންނާއި އާއިލާއާއި މައިން ބަފައިންގެ ކުރިމަތީ އަވަގުރާނަ ގޮވާނީ އެއްވެސް ގޮތެއް ފޮތެއް ނެތުމުން ކަމަށެވެ. އަދި އެނެއް ބަޔަކު ބުނަމުން ދަނީ ކެމްޕެއިނަށް ދަތުރުކުރާއިރު ގާބިލުކަން ނެތް ބަޔަކު މިފަދަ ގޮތަކަށް ޕޯޑިއަމް ތަކަށް އަރާ ވާހަކަ ދެއްކުމުން އެނގެނީ ރައީސް ސޯލިހުގެ ވެސް ނާގާބިލުކަން ކަމަށެވެ.

ރަފިއްޔާ މިފަދައިން ވާހަކަ ދައްކަވާފައި ވާއިރު ދާދިފަހުން ޏ. ފުވައްމުލަކުގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވަނީ ކޮވިޑް-19 ގެ ސަބަބުން ގައުމު ފިތިގެން ދިޔައިރު ވެސް ރައީސް ސޯލިހުގެ ހަށިކޮޅުން އައީ މާމުއި ކަމަށް ވިދާޅުވެފަވެ. އެކަމާ ގުޅިގެންވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.