ގދ. ވާދޫގައި ގޭސް ޕްލޭންޓް ނުހެދުނީ އެ އަތޮޅު ތިނަދޫގައި ގޭސް ޕްލާންޓް ހަދާކަން އެނގިވަޑައިގަތުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މި އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ވާދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ދައުރުގެ ތެރޭގައި ވާދޫއަށް ކުރަން ނިންމި ގޭސް ޕްލާންޓްގެ މަސައްކަތް ނުކުރެވުނީ ސިޔާސަތަށް ގެނެވުނު ބަދަލާއެކު ކަމަށާއި އެގޮތުން ގޭސް ޕްލާންޓެއް އަޅަން ނިންމާ، އެކަމަށް ޕްލޭން ކުރި ނަމަވެސް ތިނަދޫގައި އެ މަސައްކަތް ފެށިފައިވާތީ އެކަން ވާދޫގައި ނުކުރަން ނިންމެވީ ކަމަށެވެ.
މި ދައުރުގައި ކުރެވުނު އެންމެ މުހިއްމު އެއް ކަމަކީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެއާއެކުގައި އާ ޖީލެއް އުފެއްދުމަށްޓަކައި ފެށި މަސައްކަތަކީ މި ރާއްޖެއަށް ސަރުކާރަކުން ކޮށްދެވުނު އެންމެ އަގުހުރި މަސައްކަތް ކަމަށެވެ. އަދި ރާއްޖޭގެ މުސްތަގުބަލު އޭގެ ސަބަބުން އުޖާލާވާނެ ކަމަށާއި އަތޮޅު ތަކުގެ މުސްތަގުބަލު ފަހިވުމާއެކު ރަށްރަށުގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަކީ އެޑިއުކޭޝަނަލް ޓުއަރިޒަމަށްވެސް މަގުބޫލު ގައުމަކަށް ހެދުމަކީ އަމާޒެއް ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިން އިސް ސަފަށް ގެންދިއުމަށް ބޭނުންވާ ހުނަރާ ތައުލީމު ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލު ގެ ކެމްޕަސް ރާއްޖޭގައި ގާއިމުކޮށްދޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވައުދު ވެވަޑައިގަންނަވާފައެވެ.
ރާއްޖޭގައި 16 އަހަރާއި 18 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ކެރިއާ ގައިޑެންސް ސެޝަންތައް ތައާރަފްކޮށް ތައުލީމު ހޯދުމަށާއި ވަޒީފާގެ ބާޒާރަށް އެ ކުދިން ތައްުޔާރުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ކަނޑައެޅޭ މިންވަރެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މާފުކޮށްދެއްވާނެ ކަމަށާއި ސްޓޫޑެންޓް ލޯނުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ކުރިއަށް އޮތް ދައުރުގެ ތެރޭގައި ވަދޫގެ ކައުންސިލް އިދާރާއި ސްކޫލަށް ބޭނުންވާ އެޑްމިން ބިލްޑިންނާއި ސްޕޯޓްސް ކޮމްޕްލެކްސް އެޅައިދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ކުރިއަށް އޮތް ދައުރުގައި ވަދޫގެ މަގުތައް ހަދައިދެއްވުމަށާއި ސިއްހީ މަރުކަޒަށް ބޭނުންވާ އެޑްމިން ބްލޮކް އިތުރުކޮށްދެއްވުމަށާއި ފަތާ ފެންގަނޑަކާއި ސަރަހައްދީ ފެންވަރުގެ ވޮލީ ކޯޓެއް އަޅައިދެއްވުމަށްވެސް ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވިއެވެ.
ގެދޮރުވެރިކަމަށް ބޭނުންވެފައި ތިބި ރައްޔިތުންނަށް ރޯހައުސް ނުވަތަ ފްލެޓް ވާދޫގައި އަޅައިދެއްވުމުގެ ވައުދުފުޅުގެ އިތުރުން 100 އެނދުގެ ހޮޓަލެއް ތަރައްގީކުރަން ހުޅުވާލުމަށްވެސް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.