ސިޔާސީ އެއްވެސް ލީޑަރަކު ބަންދުނުކޮށް، ކޯޓުގެ ފުރާޅުން ޓިނު ނުނަގައި ވެރިކަން ކުރެއްވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މި އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ގައްދޫ އަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ގައްދޫ އަކީ ސިޔާސީ ފޯރި އަބަދުވެސް ވަރަށް ގަދަ ރަށެއް ކަމަށާއި ސިޔާސީ ވާދަވެރިކަމާ އެކީގައި ސިޔާސީ ހަރަކާތް ހިންގާ ރަށެއް ކަމަށެވެ. އަދި މިއަދުވެސް ފެންނަނީ އެ މަންޒަރު ކަމަށާއި ގައްދޫ އޮތީ މިއަހަރު ރިޔާސީ އިންތިހާބަށް ބަރާބަރަށް ތައްޔާރުވެ، ފައްކާވެފައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެނިފެސްޓޯއަކަށް ވާނީ ވެރިކަން ކުރާ، އެމްޑީޕީއިން ވާ ވައުދުތައް ނުވާނެ ކަމަށް ބުނުން ކަމަށެވެ. އަދި ސިޔާސީ ބޭނުމުގައި އެއްވެސް މީހަކު ޖަލަށް ނުލާނެ ކަމުގެ ވައުދު ވެވަޑައިގެން ކަމަށާއި 2018 ގެ އިންތިހާބު އައިއިރު ރާއްޖޭގެ ސިޔާސީ ލީޑަރުން ތިއްބެވީ ޖަލު ބަންދެއްގައި ނުވަތަ އަރުވާލެވިގެން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ފަސް އަހަރުގެ ދައުރެއް ނިމެނީ އެއިން އެއްވެސް ކަމެއް ނުކޮށް ކަމަށާއި ސިޔާސީ އެއްވެސް ލީޑަރެއް ބަންދު ނުކޮށް، އެންމެ ކޯޓެއްގެ ފުރާޅުން ވެސް ޓިނު ނުނަގައި ވެރިކަން ކުރެވިއްޖެ ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ކޯޓުގެ ފުރާޅުން ޓިނު ނެގި ކަމަށް ސޯލިހު އެ އިޝާރާތް ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެބްރުއަރީ 1، 2018 ގައި އޭރުގެ ސްޕްރީމް ކޯޓުން ސިޔާސީ ގައިދީންތަކެއް ހިމެނޭހެން 9 ބޭފުޅަކު ދޫކޮށްލުމަށާއި ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ ގޮނޑި ގެއްލުނު ޕީޕީއެމްގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ކުރި ހުކުމާއެކު، އެއީ ތަންފީޒު ކުރެއްވޭނެ ހުކުމެއް ނޫން ކަމަށް ވިދާޅުވެ ޖެހިގެން އައި ދުވަހު ސްޕްރޯމް ކޯޓަށް ސިފައިން ވަދެ ފަނޑިޔާރުން ހައްޔަރު ކުރަން ޖެހުނު ހާދިސާއަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަފުޅެކެވެ.
ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނު ފަނޑިޔާރުން އެކަމަށް ޒިންމާ ވާން ޖެހޭނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވެސް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
މުއިއްޒު ވިދާޅުވީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީ ގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން ކަމަށެވެ. އަދި އެ އަމުރު ނެރުނީ 5 ފަނޑިޔާރުންގެ އިއްތިފާގުން ކަމަށާއި، 5 ފަނޑިޔާރުން ވެސް އެ އަމުރަށް، އަދި އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ގައްދޫގައި މިހާރު ކުރިއަށްދާ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ތެރެއިން އެ ރަށުގެ ހުރިހާ މަގުތަކެއް ތަރައްގީ ކުރައްވާނެ ކަމަށާއި ގައްދޫއަށް އިތުރު 30 ހެކްޓަރުގެ ބިން ހިއްކާ އެ ބިމުގައި 100 ރޯހައުސް އެޅުމުގެ އިތުރުން ގައްދޫގައި ޕޮލިޓެކްނިކްގެ އާ އިމާރާތެއް އަޅުއްވާނެ ކަމަށެވެ.
ރައީސް ސޯލިހު ވަނީ ގައްދޫއާއި ވަރަށް ކައިރީގައި އޮތް ގަމާއި ގައްދޫ ގުޅާލަދޭނެ ކަމަށް ވައުދު ވެވަޑައިގަންނަވާފައެވެ.
ޖަރުމަނުގެ ވެރިއަކަށް ހުރި ހިޓްލަރ “ތިމަންނަ މީހަކު މަރާފައެއް ނޯންނާނެޔޭ” ބުނީމާ އޭނާވާނީ ބޮޑު ދޮގުވެރިއަކަށް. ސޯލިހު އެ ބޮޑުދޮގު ހެދީމާ ރައީސް ޔާމީން އެހެރީ ޖަލުގަ ނޫންތޯ އަދި އެއީ މީހެއް ނޫންތޯ މިނޫހުން ސޯލިހާ ސުވާލު ނުކުރީ ކީއްވެބާ……؟
ތިކަހަލަ ބޮޑު ޚިލާފް ވާހަކަފުޅު ދައްކަވައި ، އިތުރުފުޅު ހައްދަވާތީ ގިނަބަޔަކު އަވަގުރާނައާއެކު ގޮވަނީ ؛ ރައީސް ތެދުބަހުން މޮށުން ކީތްތޯ؟؟