މި އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުންގެ ތެރެއިން އާންމުންގެ ތަރުހީބު އޮތީ ކޮން ބޭފުޅަކަށްތޯ ބެލުމަށް "ޕްރެސް ޕޯލް" ގެ ނަމުގައި ޕޯލެއް ފަށައިފިއެވެ.
މި ޕޯލް ކުރިއަށް ދާނީ މިއަދުން ފެށިގެން ދެ ހަފްތާގެ ނިޔަލަށެވެ. އެހެންކަމުން ޕޯލްގެ ސުންގަޑި ހަމަވާނީ މިމަހު 21 ވަނަ ދުވަހަށެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރުމަށް މިދިޔަ މަހުގެ 23 ގައި ހުޅުވާލި ފުރުސަތު އިއްޔެ ހަމަވެފައިވާއިރު މި އިންތިހާބުގައި އަށް ބޭފުޅަކު ވާދަކުރައްވައެވެ.
އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްއެންޕީގެ ކެންޑިޑޭޓް، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
އަދި އަމިއްލަ ގޮތުން އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ވަނީ ކުރިމަތިލައްވާފައެވެ. އެހެންކަމުން މިއީ 2008 ވަނަ އަހަރަށް ފަހު އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބަށް ވުން އެކަށީގެންވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާއިރު އޭގެ ތެރޭގައި މާލޭ ސަރަޙައްދުގައި ބެހެއްޓުމަށް ނިންމާފައިވާ 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް އީސީން ތައްޔާރީތައް ވަމުންދާއިރު އިންތިހާބަށް ކުރިމަތިލި މީހުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ގުރުއަތުލުން މިއަދު ބޭއްވުމަށް ވަނީ ނިންމާފައެވެ.
ޑ ރ މުއިއްޒު
އިބުރާހިމް މުހައްމަދު ސާލިހު
ޑރ މުއިއްޒު
ޑޮކްޓަރ މުހައްމަދު މުއީޒް