އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޯ ކޮށްލި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގދ. މަޑަވެލީގައި އެމްޑީޕީ ޖަލްސާ ބޭއްވުމަށް ތައްޔާރު ކޮށްފައިވާ ތަނުގައި ރޯ ކޮށްލި ކަމުގެ މައުލޫމާތު ފަތިހު 5:34 އެހާއިރު ލިބިފައިވާ ކަަމަށާއި އަލިފާން ރޯ ކޮށްލިތާ މާ ގިނައިރު ނުވަނީސް ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

ގދ. މަޑަވެއްޔަށް ރައީސް ސޯލިހު ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނ.

އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ރައީސްގެ ކެމްޕެއިން ދަތުރުފުޅުގައި ގދ އަށް ކުރައްވާ ދަތުރުތައް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މަންޒިލަކަށް ކަނޑައަޅާފައި އޮތީ މަޑަވެއްޔެއެވެ.

އެ ހާދިސާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރު ވަމުން ދާއިރު ޖަލްސާ ބޭއްވުމަށް ހަދާފައިވާ ތަނުގައި ދަމާފައިވާ ކަޅު މެޓާއި، ބެނާތަކުގެ އިތުރުން ޕޯޑިއަމް އާއި ގިނަ އަދަދެއްގެ ގޮނޑިތަކަށް ވަނީ ބޮޑެތި ގެންލުންތަކެއް ލިބިފައެވެ.

މިކަމާ ގުޅިގެން އެކި ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި ޑިމޮކްރެޓްސްގެ ހަމަތާކައި ރިވެތި އުސޫލުތަކުން ހުރިހާ ޕާޓީތަށް ކެމްޕެއިން ކުރުމަށްވެސް މާރިޔާ ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުންވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ މިއީ ފިނޑި އަމަލެއްގެ ގޮތުގައި ސިފަކޮށް ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މަޑަވެއްޔަކީ އެމްޑީޕީ އަށް ވުރެ އިދިކޮޅު މައި ޕާޓީ ކަމަށްވާ ޕީޕީއެމްގެ ތާއީދު ބޮޑު ރަށެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކޮށް ކެމްޕެއިން ދަތުރުފުޅުގައި ރައީސް އެކި ރަށްތަކަށް ވަޑައިގަންނަމުންދާއިރު އެކި ގޮތް ގޮތުން ކެމްޕޭނަށް ހުރަސް އަޅަމުންދާ ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން އެމަނިކުފާނި ފުވައްމުލަކަށް ވަޑައިގެން ބޭއްވި ޖަލްސާއާ ދިމާކޮށް ވެސް، އިދިކޮޅު ބަޔަކު ނުކުމެ ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިންގާފައެވެ.