އިހުލާސްތެރިކަމާ މެދު ޝައްކެއް އުފެދޭ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި އިތުބާރު ކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިން މޭޓު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޑަހުވަދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، އޭނާ އަށް ފުރިހަމަ އަށް އިތުބާރު ކުރެއްވުމަށް ދަންނަވާ ކަމަށާއި އޭނާގެ އިހުލާސްތެރިކަމާ މެދު ޝައްކެއް އުފެދޭ މިންވަރުގެ ކަމެއް ފެނިގެން ނުދާނެ ކަމަށެވެ.

މިވަގުތުގައި ދަންނަވާލަން ބޭނުންވޭ. އަޅުގަނޑަށް ފުރިހަމައަށް އިތުބާރު ކުރައްވާށޭ. އަޅުގަނޑުގެ އިހްލާސްތެރިކަމާ މެދު ފުކެއްވެސް ފުކެއްވެސް އަޅުގަނޑުގެ އިހްލާސްތެރިކަމާއި އަޅުގަނޑުގެ ތެދުވެރިކަމާ މެދު ފުކެއްގެ ޝައްކެއް އުފެދޭ މިންވަރުގެ ކަމެއްވެސް އަޅުގަނޑުގެ ފަރާތުން އިރާދަކުރެއްވިއްޔާ ފެނިގެން ނުދާނެއޭ
އަސްލަމް

އަސްލަމް އިތުރަށް ވިދާޅުވީ، ރައީސް ސޯލިހް އެނގިވަޑައިގަންނަވާތާ 30 އަހަރުވެފައިވާ ކަމަށާއި މާ ގާތްކޮށް ނޫޅުއްވި ނަމަވެސް ރަހްމަތްތެރިކަން އޮންނަތާ އެހާ ދުވަސްވާނެ ކަމަށެވެ. އޭގެ ތެރެއިން ވިހި އަހަރަކީ އެމްޑީޕީ ތެރޭގައި އާއި ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ވަރަށް އެކުގައި މަސައްކަތް ކުރެއްވި އަހަރުތަކެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އެގޮތުން ރައީސް ސޯލިހުގެ އެންމެ ކަމުދާ ސިފައަކީ ކެތްތެރިކަމާއި މަޑުމައިތިރި ކަމާ އެކު ކަންތައްތައް ނިންމަވަމުން ގެންދަވާ ގެންދިޔުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ ރައީސް ސޯލިހްގެ ލީޑަޝިޕް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ފަސް ސިޔާސަތުގެ ތެރެއިން "އުފާވެރި އާއިލާ" ސިޔާސަތުގައިވާ ކަންކަން ތަފްސީލްކޮށް ހާމަކޮށްފައިވާއިރު އެކަމަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ، ހަމައެކަނި މިސިޔާސަތުގައިވާ ކަންކަމަށް ބެލި ނަމަވެސް ރައީސް ސޯލިހަށް ވޯޓު ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަަމަށެވެ.