ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މާދަމާ ބޭއްވުމަށް ނިންމާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީ އިން ބުނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ގުރުއަތުލުން އޮންނާނީ، މާދަމާ ހަވީރު 4:30 އިން 5:30 އަށް، ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.

އީސީ އިން ބުނީ މި ބައްދަލުވުމުގައި ކެންޑިޑޭޓަށް ބައިވެރި ނުވެވޭ ހާލަތެއްގައި ކެންޑިޑޭޓުންގެ މަންދޫބަކަށް ބައިވެރިވެވޭނެ ކަމަށެވެ. ކެންޑިޑޭޓަށް ހާޒިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ބައިވެރިވަނީ ކާކުކަން ބަޔާންކޮށް ކެންޑިޑޭޓުގެ ސިޓީއެއް އީސީ އަށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އަދިފައެވެ. އެހެންނަމަވެސް ކެންޑިޑޭޓް ނުވަތަ ބަދަލުގައި މީހަކު ހާޒިރު ނުވެއްޖެނަމަ އެ ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރުމަށް ފޯމު ހުށަހަޅާފައި ވާއިރު އޭގެތެރޭގައި ހިމެނޭ ޕާޓީގެ ޓިކެޓްގައި ވާދަކުރާ 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންނަކީ

  1. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް / އަސްލަމް - އެމްޑީޕީ
  2. ޑރ. މުހައްމަދު މުއިއްޒު / ހުސެއިން މުހައްމަދު ލަތީފް - ޕީއެންސީ
  3. މުހައްމަދު ނާޒިމް / ޑރ. އަހުމަދު އަދީލް ނަސީރު - އެމްއެންޕީ
  4. އިލްޔާސް ލަބީބް / ހުސެއިން އަމްރު - ދަ ޑިމޮކްރެޓްސް
  5. ގާސިމް އިބްރާހިމް / ޑރ. އަމީން އިބްރާހިމް - ޖުމްހޫރީ ޕާޓީ
  6. ޙަސަން ޒަމީލް / މަރިޔަމް އަލީމް - އަމިއްލަ ގޮތުން
  7. އަހްމަދު ފާރިސް މައުމޫން / ޑރ. އަބްދުއްސައްތާރު ޔޫސުފް - އަމިއްލަ ގޮތުން
  8. އުމަރު ނަސީރު / މުހައްމަދު ސަލީމް - އަމިއްލަ ގޮތުން

އިންތިހާބުގައި ވާދަކުރުމަށް ޕާޓީތަކުން ފޯމު ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ފޯމު އީސީ އިން ބަލައިގެންފައިވާއިރު އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމާ މެދު މިއަދު އީސި އިން ގޮތެއް ނިންމާނެއެވެ.