ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމާ ގުޅޭގޮތުން އަދި ގޮތެއް ނުނިންމަވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޑރ. ވަހީދު މިފަދައިން ވިދާޅުވެފައި ވަނީ މުއިއްޒަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓަކަށް ފަހު އެމަނިކުފާނު ތާއީދު ކުރައްވަނީ މުއިއްޒަށް ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކާ ގުޅިގެންނެވެ.
އެގޮތުން ވަހީދު ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް އެމަނިކުފާނު ތާއިދު ކުރައްވާ ކަމަށް ދުށުމަކީ ގޯހެއް ކަމަށާއި ތާއިދު ކުރައްވާ ކެންޑިޑޭޓަކު، ވަގުތު ޖެހުމުން ހާމަ ކުރައްވާނެ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް އީސީއިން ކަނޑައެޅުމާ ގުޅިގެން އެ މައްސަލަ ސްޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރެއްވި ނަމަވެސް އެމަނިކުފާނާ ދެކޮޅަށް އިއްޔެ އެ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެއަށްފަހު ދެއްވި އިންޓަވިއުއެއްގައި ޑރ. ވަހީދު ވިދާޅުވީ މީގެ ދެއަހަރެއްހާ ދުވަސް ކުރިން ވެސް ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެމަނިކުފާނު ހުންނެވި ކަމަށް ވިދާޅުވެފައި ވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ހުކުމުގެ ކުރިން ޑރ. ވަހީދު ކުށުގެ ރިކޯޑް ސާފުކުރައްވަން ވެސް ހުށަހެޅުއްވިއެވެ. އެއީ ޕީޕީއެމްގެ ޕްލޭން ބީ އަށް ކުރެއްވި އިންތިޒާރެއް ކަމަށް "ދަ ޕްރެސް" އަށް އެނގިފައި ވީ ނަމަވެސް ޕީޕީއެމްގެ ޕްލޭން ބީ ދޫކޮށްލުމުން ވަހީދަށް އެ ފުރުސަތު ގެއްލިގެން ދިޔަކަން ވަނީ އެނގިފައެވެ.
މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓުގެ ގޮތުގައި ނައިބު ރައީސްގެ މަގާމު އަދާކުރެއްވި ޑރ. ވަހީދު ވަނީ ރައީސް ނަޝީދު މަގާމުން އިިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސްގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރެއްވި ނަމަވެސް ޑރ. ވަހީދަށް ވަނީ ނާކާމިޔާބު ވެފައެވެ.