ދިވެހި ފިލްމީ ދާއިރާ ދުށް އެންމެ މޮޅު ބަތަލާއިންގެ ތެރޭގައި ހިމެނޭ ތަރި ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމު "ކަޅަކި" ގެ ޕްރޮމޯޝަން މަސައްކަތް ފަށައިފިއެވެ.

މި ފިލްމު އަންނަ އޮކްޓޯބަރު މަހު ސިނަމާއަށް ގެންނަން ވަނީ ތާވަލްކޮށްފައެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ އަވަށްޓެރި ލަންކާގައި ބޮޑުބައި ޝޫޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޓީމުން ބުނީ މި ފިލްމަކީ އެކުވެރި ގްރޫޕުގަނޑެއް މަޖާކޮށްލަން ޗުއްޓީ ދުވަސްވަރު ދާ މަންޒިލުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށެވެ. މިދަތުރުގައި އާދަޔާ ހިލާފު އެތައް ކަންތައްތަކެއް އެކުވެރިންނަށް ކުރިމަތިވެގެން ދާއިރު ސިއްރުން ފުރިގެންވާ ކަންތައްތަކެއްވެސް އެމީހުންނަށް އެނގިގެންދާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. ބިރުވެރި ތްރިލާ ޖޯންރާ އަށް ގެނެސްދޭ މި ފިލްމަކީ އެކުވެރިންތަކެއްގެ ޗުއްޓީ ހަރާބު ކޮށްލާނެ ފިލްމެކެވެ.

މި ފިލްމުގެ ޓީޒާ އެއް މިހާރު އާންމުކޮށްފައިވާއިރު މި ފިލްމު ގެނެސްދޭ ވަކި ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. "ކަޅަކި" ފިލްމުގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، އައިމިނަތު ރިޝްފާ، މުހައްމަދު މަނިކް، ޔޫސުފް ޝަފީއުގެ އިތުރުން ލަހޫ އާއި ވާޝިޔާ ހިމެނެ އެވެ. ސްރީލަންކާގެ ކޮލޮމްބޯ، ކެންޑީގެ އިތުރުން ނުވަރަލިޔާގެ ހިތްގައިމު މާހައުލުގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ނިއުމާ އެކްޓިން ދޫކޮށްލިފަހުން އޭނާ ކެމެރާ ފުރަގަހުގައި ކުރި ފުރަތަމަ މަސައްކަތެވެ.

މިހާރު އޮލިމްޕަހުގައި އަޅުވާފައި އޮތީ އިލްޔާސް ވަހީދު (އިއްލެ) ގެ "ނީނާ" އެވެ. އޮލިމްޕަހުގައި ކުރިއަށް އަޅުވަން ހުރި ފިލްމުތަކުގެ ތެރޭގައި ޔޫއްޕެގެ "ޖޯކަރު" އަދި ޑާކްރެއިންގެ "ފުރޭތަ" ހިމެނެއެވެ.