މި އަންނަ މަހު ބާއްވާ ރިޔާސީއިންތިހާބުގައި ވޯޓުލުމަށް ކ. މާފުށީ ޖަލަށް ރައީސް އަބްދުﷲ ޔާމީން ރީ-ރަޖިސްޓާ ނުކުރައްވާކަން އެނގިއްޖެއެވެ.

ރައީސް ޔާމީން ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރައްވާފައިނުވާއިރު ރީ-ރަޖިސްޓާ ކުރުމުގެ މުއްދަތު ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:00އަށް ހަމަވެފައެވެ. ރައީސް ޔާމީން ވޯޓުލައްވަން ހަމަޖެހިފައި ވަނީ އަމީނިއްޔާ ސްކޫލުގައި ބަހައްޓާ މައްޗަންގޯޅި އުތުރު-2 ނަންބަރު ވޯޓު ފޮއްޓަށެވެ. އެއީ އެމަނިކުފާނުގެ ދާއިމީ އެޑްރެސް މއ. ކާމިނީހުޅަގުގެ ނިސްބަތްވާ ވޯތު ފޮއްޓެވެ.

އިދިކޮޅުގެ މައި ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުޅަހަޅުއްވާފައެވެ. އީސީއިން ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ބަލައިނުގަތުމާ ގުޅިގެން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ އީސީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. މި ނިންމުން ކޯޓުން ނިންމިއިރު ރީ-ރަޖިސްޓާވުމުގެ މުއްދަތު ވަނީ ހަމަވެފައެވެ.

ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް މިދިޔަ އަންގާރަ ދުވަހު އީސީއިން ނިންމާފައި ވަނީ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުންނެވެ. އެ ކޮމިޝަނުން އެހެން ނިންމާފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ވާދަނުކުރެއްވޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމެވުމުން ރައީސް ޔާމީން ވަނީ އިންތިހާބު ބޮއިކޮޓް ކުރުމަށް އިރުޝާދު ދެއްވައި އެކަމުގައި ޕީޕީއެމް އަދި ޕީއެންސީގެ ޖޮއިންޓް ސެނޭޓްގެ ލަފާ ހޯއްދަވާފައެވެ. ސެނެޓަރުންގެ ވޯޓުން އިންތިހާބު ބޮއިކޮޓް ނުކުރަން ފާސްކޮށްފައިވާއިރު އިންތިހާބު ބޮއިކޮޓު ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 67 ސެނެޓަރުންނެވެ. އަދި އިންތިހާބު ބޮއިކޮޓު ކުރަން ވޯޓު ދެއްވާފައި ވަނީ 46 ސެނެޓަރުންނެވެ.