މިރޭ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިން މޭޓަކަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ހަމަޖައްސަން ހުށަހެޅިކަން "ދަ ޕްރެސް" އަށް އެނގިއްޖެއެވެ.

ޑިމޮކްރެޓްސްގެ ފަރާތުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ބައިވެރި ވެވަޑައިގެންނެވި އިރު ޖޭޕީގެ ފަރާތުން ލީޑަރު ގާސިމް އިބްރާހިމް އާއި އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި، ގާސިމްގެ ރަނިން މޭޓުކަން ޑިމޮކްރެޓްސް އަށް ދޭން ހުށަހެޅުމުގެ އިތުރުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރުމަށާއި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެއްބަސްވުމަށް މަޝްވަރާ ކުރެވުނުކަން ވެސް ވަނީ އެނގިފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމާ ގުޅޭ ގޮތުން ދެޕާޓީން ކުރެ ޕާޓީއަކުން ރަސްމީ ސިފައެއްގައި އެއްވެސް ވާހަކައެއް ދައްކާފައި ނުވާ އިރު، ބައްދަލުވުމަށް ފަހު، ޖޭޕީގެ ޕޮލިސީ މޭކަރުންނާއެކު ގާސިމް ބައްދަލު ކުރައްވައި އެ ކަންކަން ހުށަހެޅުއްވި ނަމަވެސް، އެއްބަސްވެފައި ނުވާ ކަމަށް ވެސް ވަނީ އެނގިފައެވެ.

އޭގެ ފަހުން، މިރޭ 9 ޖެހި އިރު ޑިމޮކްރެޓްސް އިން ބޭއްވި ޕްރެސް އެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ، ޑިމޮކްރެޓްސް އިން ކަނޑައަޅާފައި ވާ ރިޔާސީ ކެންޑިޑޭޓުގެ ކެންޑިޑެސީ ފޯމް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާކަން އިއުލާން ކުރައްވާފައެވެ. މިރޭ އޭނާ ރަނިން މޭޓުގެ ނަން ހާމަ ނުކުރެއްވި ނަމަވެސް އެއީ އަމްރު ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. މިރޭ ހަސަން ވިދާޅުވީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިން މޭޓު މާދަމާ ފޯމް ހުށަހަޅާ އިރު އެނގިގެން ދާނެ ކަމަށެވެ.

ޑިމޮކްރެޓްސް އިން ޖޭޕީ އާއެކު ކުރިއަށް ދެވޭތޯ ކުރި މަޝްވަރާއިން އަލިމަގެއް ފެނިފައި ނުވާ އިރު، މިރޭ ވަނީ ޕީޕީއެމް އާއެކު މަޝްވަރާ ކުރަން ޝައުގުވެރިވާކަން ވެސް ހާމަ ކޮށްފައެވެ. އެގޮތުން ޕީޕީއެމްގެ ބައެއް މަޖިލީސް މެންބަރުންނަށް ދަންނަވާފައި ވާ ކަމަށާއި އެ މަޝްވަރާތަކަށް ފެހި ސިގްނަލެއް ލިބިފައި ވާ ކަމަށް ވެސް މިރޭ ހަސަން ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނަ އިރު، ކެންޑިޑެސީ ފައިލް ކުރަން ޖެހޭ ފަހު ތާރީހަކީ 7 ވާ ހޯމަ ދުވަހެވެ. ގިނަ ޕާޓީތަކުން ކެންޑިޑޭޓުންނާއި ރަނިން މޭޓުން ކަނޑައަޅާ އިއުލާން ކޮށްފައި ވާއިރު، އެކަން އަދި ނުކުރެވި އޮތީ ޑިމޮކްރެޓްސް އަށާއި ޖޭޕީއަށެވެ. މާދަމާ ޑިމޮކްރެޓްސްގެ ފޯމް ހުށަހަޅާ އިރު، ޖޭޕީން ފޯމް ހުށަހެޅުމަށް ނިންމާފައި ވަނީ 7 ވަނަ ދުވަހުކަން ވަނީ އެނގިފައެވެ.