ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސަވަން އުޅޭ ވާހަކަ އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.

ޑރ. ވަހީދު މިއަދު ކުށުގެ ރިކޯޑް ސާފުކުރައްވަން ހުށަހަޅުއްވާފައި ވާއިރު އެކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުން ދަނީ ކުށުގެ ރިކޯޑް ސާފުކުރައްވަނީ ގާސިމްގެ ރަނިންމޭޓަކަށް ވެވަޑައިގެންނެވުމަށް ކަމަށެވެ.

އެކަން ދޮގުކުރައްވާ ވަހީދު ވިދާޅުވީ އެއީ އެއްވެސް އަސާސެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.

ވަހީދު އެކަން ދޮގު ކުރައްވާފައި ވާއިރު ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސިޔާސީ މުސްތަގުބަލާމެދު ނިންމަވާ ގޮތް މާދަމާ އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދެން ޝަހީމް ގުޅިވަޑައިގަންނަވާނީ ޖުމްހޫރީ ޕާޓީއަށެވެ.

މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓުގެ ގޮތުގައި ނައިބު ރައީސްގެ މަގާމު އަދާކުރެއްވި ޑރ. ވަހީދު ވަނީ ރައީސް ނަޝީދު އެ މަގާމުން އިިސްތިއުފާދެއްވުމާ ގުޅިގެން ރައީސްގެ މަގާމު އަދާކުރައްވާފައެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރެއްވި ނަމަވެސް ޑރ. ވަހީދަށް ވަނީ ނާކާމިޔާބުވެފައެވެ.

މިހާރު އިދިކޮޅުގެ މައި ޕާޓީ، ޕީޕީއެމްގައި ހުންނެވި ޑރ. ވަހީދު އެ ޕާޓީގެ ހަރަކާތްތަކުންވެސް ފެނެއެވެ. އަދި ރައީސް ޔާމީނަށް ވާދަނުކުރެވޭފަދަ ހާލަތެއްގައި ޑރ. ވަހީދަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު ހޯމަ ދުވަހަށް ހަމަވާނެއެވެ. ޔާމީން އަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފައި ވާއިރު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ވާދަކުރެއްވި 2 ބޭފުޅުންގެ ތެރެއިން ހޮވުނީ މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވި އިރު އޭނާ އާ ވާދަކުރެއްވި ރ މަޑުއްވަރީ ދާއިރާގެ މަޖިލީސް މެންބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.