އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި، އެ ޕާޓީން "ޕްލޭން ބީ" ގެ ދަށުން އެހެން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެފައި އޮއްވާ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ކުށުގެ ރެކޯޑު ސާފުކުރައްވަމުން ގެންދަވަނިކޮށް ޕްލޭން ބީ އަކީ ޑރ. މުއިއްޒު ކަމަށް އަޑުއަރުވައިފިއެވެ.

ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގައި ޕީޕީއެމްގެ ފަރާތުން ވަނީ، ޔާމީނަށް ވާދަ ނުކުރެއްވޭ ފަދަ ހާލަތެއްގައި އެ ޕާޓީން އެހެން ކެންޑިޑޭޓަކު ނެރެން ފުރުސަތެއް ދިނުމަށް އެދިފައެވެ. އިއްޔެގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ، އެހެން ކެންޑިޑޭޓެއް ނެރުމުގެ ހުރަހެއް ޕީޕީއެމަށް ނެތް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށްލާފައި ވާތީ އާއި، އެ ހުކުމާ އެކު އޮތް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުންނެވެ.

ފާހަގަކުރެވޭ ގޮތުގައި، ޕީޕީއެމާ އެކީ މަސައްކަތްކުރާ ޕީއެންސީން ވަނީ، ޔާމީނަށް ވާދަ ނުކުރެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެމަނިކުފާނުގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ބޭފުޅެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު އިންތިހާބު ކޮށްފައެވެ.

އެއީ ޕްލޭން ބީ ކަމަށް މީގެ ކުރިން ބުނެފައި އޮވެ، އިއްޔެ ޝަރީއަތުގެ މަޖިލީހުގައި ޕީޕީއެމްގެ ވަކީލުން ބުނީ ޕްލޭން ބީ އަކީ ޔާމީނަށް ނުލެއްވޭ ހާލަތެއްގައި އެ ޕާޓީން އިތުރު ކެންޑިޑޭޓަކު ނެރުން ކަމަށާއި، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ކަނޑައެޅީ ޕްލޭން ސީ ގެ ގޮތުގައި ކަމަށެވެ. މި ވާހަކައަށް ބާރު ލިބޭ ގޮތަށް ނައިފަރު ދާއިރަގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެއްވަނީ "ޕްލޭން އޭ" ކަމަށް ވާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ގޮތަކަށް މައްސަލަ ނިމިގެން ދިއުން ކަމަށެވެ. "ޕްލޭން ބީ" އަކީ ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޕީޕީއެމްގެ ފަރާތުން ކެންޑިޑޭޓެއް ނެރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެ ގޮތް ނެތިއްޔާ "ޕްލޭން ސީ" އަކީ ޕީއެންސީގެ ފަރާތުން ކެންޑިޑޭޓެއް ނެރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިވާހަކައާ އެކު ޑރ. މުއިއްޒު ބާވީވެގެން ދިޔަ ކަމުގެ އަޑުތައް ގަދަވެ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުމުން ޕްލޭން ބީ އަކީ މުއިއްޒު ކަމަށް ދާދި ދެންމެ ޕާޓީގެ ލީޑާޝިޕުން ނިންމައިފި ކަމަށް ބުނެއެވެ.

ޑރ. ވަހީދު ކުށުގެ ރެކޯޑު ސާފުކުރައްވަމުން ގެންދެވީ ޕީޕީއެމްގެ ޕްލޭން ބީ އަށް ތައްޔާރުވެވަޑައިގަތުމަށް ކަމަށް 'ދަ ޕްރެސް' އަށް އެނގިފައި ވަނިކޮށް މިއައި ކުއްލި ބަދަލާއެކު ވަހީދު ދެން ހައްދަވާ ގޮތެއް އަދި ސާފެއް ނުވެއެވެ.

ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ނަމަ، ބަދަލުގައި އިންތިހާބުގައި ވާދަކުރައްވާ މުއިއްޒު ވިދާޅުވީ، އުންމީދު ކުރައްވަނީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނުޖެހުން ކަމަށެވެ. މުއިއްޒު މިއަދު ވެސް ވިދާޅުވީ، ޔާމީން މިނިވަންވެ، އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.