ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްގެ އިތުރުން 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައި ނުވާތީ ކެންޑިޑެސީ ބާތިލު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ނުކުތާއަށް ޗެލެންޖު ކުރަން ޔާމީންގެ ވަކީލުން ޝަރީއަތުގައި އެދިވަޑައިގެންފިއެވެ.

ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ އަޑު އެހުމުގައި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލު ވިދާޅުވީ ޔާމީންގެ ސާބިތު ދަރަންޏެއް އެބައޮތް ކަމަށާއި އަދި ސާބިތު ދަރަންޏެއް އޮވެއްޖެ މީހަކަށް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.

ޔާމީންގެ މައްޗަށް 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ކޮށް 6 މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް ހުކުމް ކޮށްފައިވާއިރު ޖޫން މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވާނެއެވެ. ނަމަވެސް އެ މައްސަލައިގެ އިސްތިއުނާފް މައްސަލަ ކުރިއަށްދާ ކަމަށް ބުނެ ޔާމީން އެ ފައިސާ ދައްކާފައެއް ނުވެއެވެ.

ޔާމީންގެ ވަކީލު ވިދާޅުވި ގޮތުގައި ޖުޑިޝަރީން ދީފައިވާ ރެކޯޑަށް ބަލާއިރު، 5 މިލިއަން ޑޮލަރުގެ ވާހަކަ އޮތީ ކުށެއްގެ ސަބަބުން ދައްކަންޖެހޭ ފައިސާއެއްގެ ގޮތުގައި ކަމަށާއި، އެއީ ސާބިތު ދަރަންޏެއް ނޫން ކަމަށެވެ. އެކަމާ ގުޅޭގޮތުން ޔާމީނު ވިދާޅުވީ، އެ ދަރަނީގެ މުއްދަތު ހަމަވާ ދުވަސް މީރާއިންވެސް އަންގާ ކަމަށާއި، މީރާއިން އަދި އެފަދަ އެންގުމެއް ވަކީލުންނަށް ފޮނުވާފައި ނުވާ ކަަމަށެވެ.

އެއަށްފަހު އަނެއްކާވެސް ކުރިއަށް ދިޔައީ އީސީން އިސްތިއުނާފަށް ޖަވާބު ދިނުމެވެ. އީސީގެ ވަކީލު ވިދާޅުވީ، ޔާމީނަށް އެރުވި ޖަވާބުގައި އިތުރު ދެ ސަބަބެއް ނުހިމެނި އޮތްކަން އެނގުމުން ކޮމިޝަނުގެ ސެކެޓަރީ ޖެނެރަލް ޕީޕީއެމްގެ އެސްޖީއަށް އެކަން އެންގެވި ކަމަށާއި، ނަމަވެސް ލިއުމާ ހަވާލުވާން އެބޭފުޅުން ދެކޮޅު ހެއްދެވި ކަމަށެވެ. އަދި މި މައްސަލަ އެފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅިއިރުވެސް، ލިއުމަށް ބަދަލެއް އައިކަން އެބޭފުޅުންނަށް އެނގިލައްވާފައި އޮތްކަމަށް އީސީގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

ދެ ފަރާތުގެ ނުކުތާތައް ހުށަހަޅާ ނިމުމުން މައްސަލައަށް ތަދައްހުލުކޮށްފައިވާ އެޓާނީ ޖެނެރަލްގެ އޮފީހަށް ފުރުސަތެއް ދީފައި އަދި ތަދައްހުލުވެފައިވާ ޕީޕީއެމަށް ފުރުސަތެއް ދޭން ނިންމާފައިވަނިކޮށް ޔާމީނުގެ ވަކީލު ހަމްޒާ އެދިވަޑައިގަތީ އީސީގެ އަނެއް ދެ ނުކުތާއަށް ވެސް ޗެލެންޖު ކުރައްވަން ފުރުސަތެއް ދެއްވުމަށެވެ.

ވަކީލު ހަމްޒާ ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ދައުވާ އިސްލާހުކޮށް އަލުން ހުށަހަޅާނަމަ ވަގުތު ކުޑަތަން ވެގެންދާ ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދާ ޝަރީއަތުގެ ތެރެއިން އީސީގެ އެ ދެ ނުކުތާއަށް ޗެލެންޖު ކުރައްވައި ވާހަކަ ދައްކަވަން ފުރުސަތެއް ދެއްވުމަށް އެދިފައިވެއެވެ.

އެއާއެކު ފަނޑިޔާރުން މަޝްވަރާ ކުރުމަށް މެދު ކަނޑާލުމަށްފަހު އަލުން ޝަރީއަތް ފެށުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާންކުރެއްވީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕީޕީއެމުން މައްސަލާގައި ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު ހަމްޒާގެ ހުށަހެޅުއްވުމަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ. ޔާމީން އަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތުގައި ޕީޕީއެމްގެ ހިޔަނި ޕާޓީ، ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިއްޔެ ފާސްކޮށްފައި ވާއިރު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ވާދަކުރެއްވި 2 ބޭފުޅުންގެ ތެރެއިން ހޮވުނީ މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވި އިރު އޭނާ އާ ވާދަކުރެއްވި ރ މަޑުއްވަރީ ދާއިރާގެ މަޖިލީސް މެންބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.