ދިވެހިންނަކީ ކަނޑުގެ ދަރިންގެ ގޮތުގައި ސިފަކުރެވޭއިރު މޫދު ކުޅިވަރަށް ހާއްސަ އިސްކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ، އިއްޔެ ހަވީރު މާލޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023" މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފަޒްނާ ވަނީ މިދިޔަ އަހަރުގެ މުބާރާތުން ފެނުނު ފަދަ ވާދަވެރިކަމާ، އެހާމެ ރަހުމަތްތެރިކަން ބޮޑު މުބާރާތެއް މިފަހަރު ވެސް ފެންނާނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ފަޒްނާ ވިދާޅުވީ، ދިވެހި ރާޅާ އެޅުންތެރިންނަކީ ތިމާވެށްޓަށް ލޯބިކުރާ އަދި ހާއްސަކޮށް އަލަށް އަރަމުން އަންނަ ރާޅާ އެޅުންތެރިންނަށް އަޅާލާ ބައެއްކަން ކަމަށެވެ.

މީގެ އިތުރުން މުބާރާތް ކުރިޔަށްދާއިރު ތިމާވެށި ރައްކާތެރިކުރުމަށް ސަމާލުކަން ދިނުމުގެ ގޮތުން އެސަރަހައްދު ސާފުކޮށްބޭއްވުމާއި މުބާރާތް ހިނގަމުންދާއިރު އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވަނީ ރާޅާއެޅުން ރާއްޖޭގައި އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ ކުރިއަރަމުން އަންނައިރު މޫދު ކުޅިވަރު ރަނގަޅަށް ކުރިޔަށް ގެންދެވޭނެ ފުރުސަތާއި ވަސީލަތްތައް ރާއްޖޭގައި ހަމަޖެހިފައި ހުރުމުގެ މުހިންމު ކަން ވެސް ފާހަގަކުރައްވާފައެވެ.

މި މަހުގެ 3 އިން 12އަށް ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށްގެންދާ މި މުބާރާތުގެ ސީނިއާ އަދި ޖޫނިއާ ކެޓަގަރީގައި ރާއްޖޭގެ 14 ބައިވެރިއަކު ބައިވެރިވާއިރު މި މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް ޖުމްލަ 16 ގައުމަކުން 86 އެތުލީޓުން ބައިވެރިވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި އެތުލީޓުންގެ ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުގެ ނަން މަޝްހޫރު ފަރާތްތައް ވެސް ހިމެނޭ ކަމަށާއި މިއީ މި މުބާރާތް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރު ކަމަށް ރައީސް އޮފީހުން ބުނެއެވެ.