ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީވެފައި ވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު އިއްޔެއަށް ހަމަވެފައި ވާއިރު 22،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކަމަށް އީސީން ބުނެފިއެވެ.
ފޯމް ހުށަހަޅައިގެން ރީ ރަޖިސްޓްރޭޝަން އަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 16 އިން ފެށިގެން މި މަހުގެ 5 ވަނަ ދުވަހާ ހަމައަށެވެ. އެއާ ހިލާފަށް އޮންލައިން ރަޖިސްޓްރޭޝަން ބަލައިގަތުމަށް ޖުލައި 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިން ހުޅުވާލާފައި އޮތް ނަމަވެސް އޮންލައިކޮށް ހުށަހެޅޭނެ މުއްދަތު އިއްޔެގެ ނިޔަލަށް އީސީން ވަނީ އިތުރު ކޮށްދީފައެވެ.
އެއާއެކު އެ ފުރުސަތު ރޭ 00:00 އާ ހަމައަށް ހަމަވިއިރު ޖުމްލަ 22،882 ފޯމު ލިބިފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 18،088 ފޯމު ބަލައިގެންފައިވީ ނަމަވެސް އެކި މައްސަލަތަކާ ހެދި 4794 ފޯމު ބާތިލް ކޮށްފައިވާ ކަމަށް އީސީން ބުންޏެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މީގެ ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރު ވެފައިވަނީ، މެލޭޝިއާ އާއި އިނގިރޭސި ވިލާތުގައި އެކަނި ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓޭ ވަރަށް އަދި ވޯޓުލާ މީހުން ރަޖިސްޓަރީ ވެފައިނުވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 11 އިން 22 އަށް ހުޅުވާލައިފައެވެ. އެ ފުރުސަތުގައި 551 ޝަކުވާ އިލެކްޝަންސް އަށް ލިބިފައިވާއިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނިގެން 465 ޝަކުވާއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ރިޔާސީ އިންތިހާބުގައި ރަށްރަށުގައްޔާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.