ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް އެޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޔަން ކޮށްފިއެވެ.
އަލީ ވަހީދު އެ މަގާމަށް އައްޔަން ކޮށްފައި މި ވަނީ މިހާރު ކުރިއަށް ދާ އެ ޕާޓީގެ 159 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އަލީ ވަހީދުގެ އިތުރުން ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ވަނީ އިސްމާއިލް ސުޖާއު އާއި އިބްރާހިމް ސުޖާއު ވެސް އައްޔަން ކޮށްފައެވެ.
އަލީ ވަހީދަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމް ދީފައި ވާއިރު، މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާތަކެއް މީގެ ކުރިން ވަނީ ކޮށްފައެވެ. އެ ދައުވާތައް ކޮށްފައި ވަނިކޮށް ފުރާވަޑައިގެން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން 2 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައި ވަނިކޮށް ސްޕްރީމް ކޯޓުން މައާފު ދިނުމުން އަލީ ވަހީދު ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ ކުރީ ކޮޅުގައެވެ.
ރާއްޖެއަށް އޭނާ ވަޑައިގަތުމަށް ފަހު ޖުމްހޫރީ ޕާޓީގެ ލީޑަރާ ބައްދަލު ކުރެއްވި އިރު ގާސިމް ވަނީ އަލީ ވަހީދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ޅައުމުރުގައި ކަންތައްތަކާ ދިމާވާނެ ކަމަށާއި ދިމާވާ ކަންކަމުން ނާއުންމީދުވެ މުޅި ހަޔާތް ބަރުބާދުކޮށް، މާޔޫސްވެގެން ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަބަދުވެސް ކުރިއަށްދާން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ގޯސް ކަމެއް ކުރެވޭނަމަ ތައުބާވުމުން ފުދޭނެ ކަމަށް ގާސިމް ވިދާޅުވެއެވެ.
އަލީ ވަހީދަށް އިތުރަށް ތައުރީފް ކުރައްވާ ގާސިމް ވިދާޅުވެފައި ވަނީ، އޭނާ އަކީ ވަރަށް ވިސްނުންތެރި ވަރަށް ރަނގަޅަށް ކަންތައް ކުރައްވާ ބޭފުޅެއް ކަމަށާއި އެއާއެކު ބައެއް މީހުން ހަސަދަވެރި ވެސް ވާ ކަމަށެވެ. އަދި ހަސަދަވެރިންގެ ފަރާތުން ހަމަލާ އަންނާނެ ކަމަށާއި އަލީ ވަހީދު މިދޭތެރެއަކުން ހުންނެވީ އެފަދަ އެތިފަހަރެއްގައި ޖެހިވަޑައިގެންފައި ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
އަލީވަހީދު ވަނީ ގާސިމްގެ ފަރާތުން އޭނާ އަށް ލިބިވަޑައިގެން އެހިތެރިކަން ފާހަގަ ކުރައްވާފައެވެ. އެ ގޮތުން ހިތްދަތި ދުވަސްވަރަށް ފަހު އުފާވެރިކަމެއް ލިބިވަޑައިގަތުމުން އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ ގާސިމް ކަމަށާއި އޭނާ އެންމެ ފުރަތަމަ އިހްތިރާމް އަދާ ކުރައްވަން ޖެހިވަޑައިގަންނަވާ ސިޔާސީ ލީޑަރަކީ ވެސް ގާސިމް ކަމަށް ވަނީ ވިދާޅުވެފައެވެ.
ބޫން ބޫން ބޫން ކިޔާފަ ސޭޓް ހުލިވީތި. ޕާޓީ މީހުން ގާތު ބުނޭ އަވަހަށް ނާޝިގަނޑެއް ހޯދާއިދޭން.