އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ ފޯމު އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

އެ ފޯމު އީސީގެ ރައީސް ފުވާދު ތައުފީގަށް ހުށަހެޅުއްވީ ރައީސް ޔާމީންގެ އިންތިހާބީ އޭޖެންޓް މުހައްމަދު ތޮލާލެވެ.

ފޯމު ހުށަހެޅުއްވުމަށް ފަހު ބޭއްވި ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ފޯމު ބަލައިގަނެފައިވާ ކަމަށާއި އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ބައިތައް ފޯމުގައި ފުރިހަމަވޭތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އެއަށްފަހު ގާނޫނީ ގޮތުން އިންތިހާބަށް ކުރިމަތިލުމާމެދު ކޮމިޝަނުން ނިންމި ގޮތް 48 ގަޑިއިރު ތެރޭގައި ކެންޑިޑަސީ ހުށަހެޅި ފަރާތަށް އީސީއިން ޖަވާބުދޭން ޖެހޭކަން ފާހަގަކުރައްވާ ހަބީބް ވިދާޅުވީ އީސީގެ މެންބަރުން ނިންމަވާފައި ވަނީ 48 ގަޑިއިރު ނެގުމުގެ ބަދަލުގައި 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ފޯމާ މެދު އީސީ އިން ނިންމާ ގޮތެއް އެންގުމަށް ކަމަށެވެ.

ހަބީބް ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 21 ވަނަ މާއްދާގައި އޮންނަ ގޮތުގެ މަތިން އެ ގާނޫނުގެ 16 އަދި 17 ވަނަ މާއްދާގައި ބުނާ ހުރިހާ ތަކެތި ފޯމާއެކު ހުށަހަޅާފައި ހުރި ތޯ ޔަގީން ކުރާނެ ކަމަށާއި އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތައް ފުރިހަމަވޭތޯ ނުވޭތޯ ގާނޫނީ ގޮތުން އީސީއިން ބަލާނެ ކަމަށެވެ.

އީސީގެ ލީގަލް ޓީމުގެ ފަރާތުން ފޯމުގެ މައުލޫމާތު ދިރާސާ ކުރުމަށްފަހުގައި ނިންމާ ގޮތެއްގެ މަތިން 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ޖަވާބު އަރުވާނެ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ހަބީބް އިތުރަށް ވިދާޅުވީ މި ކެންޑިޑަސީ ފޯމަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ކެންޑިޑޭޓްގެ ފޯމު ކަމަށްވާތީ އިލެކްޝަން ކޮމިޝަނުން ފޯމުގެ ސައްހަކަން ކަށަވަރުކުރާއިރު ލަސްކުރުމުގެ އެއްވެސް ނިޔަތެއް ނުބާއްވާނެ ކަމަށާއި ވީހާވެސް އަވަހަކަށް ކޮމިޝަނުގެ ފަރާތުން އެކަން ކުރުމަށްފަހު ޖަވާބުދެއްވާނެ ކަމަށެވެ.

ބައެއް ނޫސްތަކުގައި، ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށްޓަކައި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕަށް ފެންނަ ނަންތަކެއް ފޮނުވުމަށް ޔާމީން އަންގަވާފައިވާ ކަމަށް ވެއެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން އެކަން ދޮގުކުރެއެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ކުރިން ވިދާޅުވީ، ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ފަދަ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް، ވަކި ކެންޑިޑޭޓެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ކޯލިޝަންގެ ލީޑާޝިޕުން ނިންމާފައި ވަނީ ކެންޑިޑޭޓަކާ މެދު ގޮތް ނިންމުމުގެ އެ އިޚްތިޔާރު ރައީސް ޔާމީނަށް ދިނުމަށް ކަމަށެވެ.

މިފަދަ ނިންމުންތައް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމާނީ ރައީސް ޔާމީންގެ މަޝްވަރާ އާއި ލަފާގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ކުރިއަށް އޮތް އިންތިހާބުގައި ޕީއެންސީން ކެންޑިޑޭޓެއް ނެރެން އުޅޭ ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި ވަނީ، ޔާމީންގެ އިންތިހާބީ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ދުސްތޫރީ މައްސަލައެއް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

މިހާރު އޮތް ގޮތުން ނަމަ، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަން ނުވަތަ ނޫންކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ގޮތަކުންނެވެ.