ސަރުކާރުން ކުރިއަށް ގެންދާ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓުތައް ދޭނެ ފަރާތްތަކުގެ ލިސްޓު މި ހިނގާ ޖުލައި މަސް ނިމުމުގެ ކުރިން ނެރުމަށް މަސައްކަތްކުރައްވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި ނަމަވެސް، މަސް ނިމުނު އިރު ވެސް ލިސްޓު އާންމެއް ނުކުރެވުނެވެ.

ގެދޮރުވެރިޔާ ސްކީމްގެ އިތުރުން ސަރުކާރުން "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރާނެ ކަމަށް ބުނެފައި ވަނީ މިދިޔަ މަހުގައެވެ. އޭގެ ތެރެއިން ވެސް ސަރުކާރުން މިދިޔަ މަހުގެ ފަހުކޮޅު އާންމުކުރީ ގޯތި ލިބޭ މީހުންގެ ތަފްސީލު ހިމެނޭ ލިސްޓެވެ.

ޖޫން މަހުގެ ފަހުކޮޅު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ލިސްޓުތައް އާންމުކުރައްވާނެ ކަމަށް އަކްރަމް އޭރު ވިދާޅުވި ނަމަވެސް، ގޯތި ލިބޭ މީހުންގެ ލިސްޓު އެކަނި އާންމުކޮށް ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރުން ލަސްވަނީ ކީއްވެތޯ ނޫސްވެރިން ސުވާލުކުރުމުން، އަކްރަމް މި މަހުގެ 17 ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "މަސައްކަތް ކުރަނީ މި މަސް ނިމުމުގެ ކުރިން ލިސްޓް ނެރެވޭތޯ" ކަމަށެވެ.

އަކްރަމް އެހެން ވިދާޅުވި ނަމަވެސް، ފްލެޓް ލިސްޓު އާންމުކުރެވިފައި ނުވާތީ އެކަމާ ގުޅިގެން ސުވާލުކުރުމުން، އަވަސް އަރުވާލައްވައި ދެއްވި ކުރު ޖަވާބެއްގައި ވިދާޅުވީ، "ދެން ހަމަ ލަސްވަނީ، ކުރިން ވެސް އެ މަސައްކަތް (ލިސްޓުގެ މަސައްކަތް) ކުރަނީ" ކަމަށެވެ.

"ކުރަން ޖެހޭ މަސައްކަތްތައް ނުނިމިގެން މި އުޅެނީ، ނިމުނީމަތާ ވާނީ،" އޭނާ ވިދާޅުވިއެވެ.

ލިސްޓު އާންމުނުކުރެވިގެން އުޅެނީ އިދާރީ މައްސަލައަކާ ގުޅިގެންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމަށް 20،697 މީހުން ކުރިމަތިލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލީ 14،489 ފަރާތަކާއި، ދެ ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލީ 6،208 ފަރާތެކެވެ.