ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު މަރުހަލާ ނިމި އެމަނިކުފާނުގެ މަންމާފުޅު އަރިހަށް ވަޑައިގަތުމަށް އުންމީދު ކުރެއްވި ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފާތުމަތު ހަސަން އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި އޭނާ އަވަހާރަވީ އިރު އިންނެވީ ސްރީލަންކާގައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ރައީސް ޔާމީން މަންމާފުޅު އަރިހަށް ޒިޔާރަތް ކުރައްވަން ވަރަށް ބޮޑަ ބޭނުންފުޅު ވެވަޑައިގެންނެވި ކަމަށެވެ.

ޑރ. ޖަމީލު ވިދާޅުވީ އުންމީދު ކުރައްވައިގެން ހުންނެވީ ކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ ނިމި، މިނިވަން ވެވަޑައިގެން މަންމާފުޅު އަރިހަށް ޒިޔާރަތް ކުރައްވަން ކަމަށާއި އެ ވާހަކަފުޅު ވަރަށް ބޮޑަށް ރައީސް ޔާމީން ދެއްކެވި ކަމަށެވެ. އަދި ފަހަކަށް އައިސް މަންމާފުޅުގެ ހާލުކޮޅު ދެރަ ކަމަށް ރައީސް ޔާމީން ވިދާޅުވާ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

އަބަދުވެސް ރައީސް ޔާމީން މަންމާފުޅުގެ ހަބަރު ބައްލަވާ ކަމަށާއި މިނިވަން ވެވަޑައިގެން މަންމާފުޅު ދެކެވަޑައިގަތުމަށް ނަސީބު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވައިގެން ހުންނެވި ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. އަދި މިއަދު ހެނދުނު ގުޅުނު ކަމަށާއި މަންމާފުޅު ނިޔާވި ހަަބަރު ދެއްވި ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރި ވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައި ނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމެއް ކަމަށް އިދިކޮޅުން ބުނެފައި ވާއިރު އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ މަންމާފުޅަށް އެންމެ ފަހުގެ އިހުތިރާމު އަދާކުރުމުގެ ފުރުސަތު ދީފައި ނުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހިތްޕުޅު ހަރުކަމުން ކަމަށާއި ޔާމީން އަކީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއްގެ އިތުރުން ރާއްޖޭގައި ފަސް އަހަރު ވެރިކަން ކުރައްވައި ރާއްޖެއަށް ތަރައްގީ ގެނެސްދެއްވި ވެރިއެއް ކަމަށެވެ.

ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމަށް އެދިވަޑައިގެންފައިވާ ކަމެއް އަދި އެދިވަޑައި ނުގަންނަވާ ކަމެއްވެސް އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް ޔާމީން ހިއްސާ ނުކުރައްވާ ކަމަށެވެ. އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "ދަ ޕްރެސް" އަށް ވިދާޅުވީ ޖަނާޒާގައި ބައިވެރި ވެވަޑައިގަތުމަށް ރައީސް ޔާމީން އެދިވަޑައިގެންފައި ނުވާ ކަމަށެވެ.

އުމުރުފުޅުން 85 އަހަރުގެ ޔާމީންގެ މަންމާފުޅު ފާތުމަތު ހަސަން އަވަހާރަވީ އިރު، އޭނާ ދިރިއުޅުއްވަނީ ލަންކާގައި އާއިލާގެ ބޭފުޅުންނާއެކު ގައެވެ. ފާތިމަތު ހަސަން އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮންމަންމާފުޅު ވެސް މެއެވެ.

ފާތިމަތު ހަސަން އަކީ ނ. ވެލިދުއަށް އުފަން ބޭފުޅެކެވެ. ޔާމީންގެ މަންމާފުޅު އަވަހާރަވި އިރު ޔާމީންގެ އިތުރުން ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ.