ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމެއް ކަމަށް އިދިކޮޅުން ބުނެފިއެވެ.

ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފާތުމަތު ހަސަން އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި އޭނާ އަވަހާރަވީ އިރު އިންނެވީ ސްރީލަންކާގައެވެ.

ޔާމީންގެ މަންމާފުޅު އަވަހާރަ ވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވަމުން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވި ހަބަރު އެކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށް ވެސް ފުން ހިތަމާއާއި އަސަރާއެކު ކަމަށެވެ.

މާތްﷲ މަރްހޫމާގެ ފުރާނަފުޅަށް ރަހުމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި. އާމީން
އިދިކޮޅު

އިދިކޮޅުން އިތުރަށް ބުނީ، ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު މިސަރުކާރުގެ އަނިޔާވެރިކަމުގައި ހައްގު ނޫން ހުކުމެއްގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމާއި އެމަނިކުފާނަށް އެމަނިކުފާނުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާކަމެއް ކަމަށެވެ.

ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި ކޯލިޝަންގެ އެންމެހާ މެންބަރުން ބައިވެރިވެ، ރައީސް ޔާމީން އާއި އެމަނިކުފާނުގެ ލޮބުވެތި އާއިލާއަށް، މިކޯލިޝަންގެ ލީޑާޝިޕާއި، ސެނެޓަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާ ރައީސުންނާއި، ސްޓިއަރިން ކޮމިޓީތަކާއި އަދި ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

އުމުރުފުޅުން 85 އަހަރުގެ ޔާމީންގެ މަންމާފުޅު ފާތުމަތު ހަސަން އަވަހާރަވީ އިރު، އޭނާ ދިރިއުޅުއްވަނީ ލަންކާގައި އާއިލާގެ ބޭފުޅުންނާއެކު ގައެވެ. ފާތިމަތު ހަސަން އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮންމަންމާފުޅު ވެސް މެއެވެ.

ފާތިމަތު ހަސަން އަކީ ނ. ވެލިދުއަށް އުފަން ބޭފުޅެކެވެ. ޔާމީންގެ މަންމާފުޅު އަވަހާރަވި އިރު ޔާމީންގެ އިތުރުން ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ.