މި ނިމޭ މަހުގެ ތެރޭގައި މޮސްކޯއަށް އަމާޒުކޮށް ޑްރޯން ހަމަލާގެ 4 ހަމަލާއެއް ދީފައި ވާ އިރު އެއީ އެކަން ހިނގާނެ ގޮތް ކަމަށާއި ރަޝިއާ އަށް ހަނގުރާމަ ދާނެ ކަމަށް ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އިއްޔެ ރޭ ފަތިހު މޮސްކޯއަށް އަމާޒު ކޮށް ފޮނުވާލި 3 ޑްރޯންގެ ތެރެއިން ދޭތި މޮސްކޯގެ ރަށްބޭރުގައި ހުންނަ އިސް އިމާރާތަކަށް ވެއްޓިފައި ވަނިކޮށް ޒެލެންސްކީ ވިދާޅުވީ، ދެގައުމެއްގެ ދެމެދުގައި ހަނގުރާމަ ކުރާ އިރު، އެއް ގައުމުން އަނެއް ގައުމަށް ހަމަލާ ދެނެ ކަމީ ހަގީގަތް ކަމަށާއި، މޮސްކޯއަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ އެގޮތުން ބަލާއިރު ހަމަ ހެޔޮ ގޮތެއް ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން ވިނުކޮވޯ އެއާޕޯޓުގެ ހަރަކާތްތައްވެސް ރަޝިއާ އިން ވަގުތީ ގޮތުން މެދުކަނޑާލިއެވެ. މިއީ މޮސްކޯގެ ވަށައިގެން އޮންނަ 4 އެއާޕޯޓުގެ ތެރެއިން 1 އެއާޕޯޓެވެ.

ހަނގުރާމަ އާ ގުޅޭގޮތުން ޒެލެންސްކީ ދެއްވި ވީޑިއޯ އެޑްރެސް އެއްގައި ވިދާޅުވީ، ޔޫކްރައިން ދަނީ ބާރުގަދަވަމުން ކަމަށާއި މިއަދަކީ ރަޝިއާއިން ބުނާ 'ހާއްސަ އަސްކަރީ އޮޕަރޭޝަން' ފެށިތާ 522 ދުވަސް ކަމަށް ވާއިރު ރަޝިއާ ހީކުރީ އެ އޮޕަރޭޝަން ދެތިން ހަފްތާއިން ނިންމާލެވޭނެ ކަމަށެވެ.

"މިހާރު ހަނގުރާމަ ރަޝިއާގެ ތެރެއަށް ވެސް ވަނީ، ވަންނާނެ އެއީ ނުވެ ނުދާނެ ކަމެއް، އަމާޒަކީ އަސްކަރީ ބޭސްތަކާއި ރަޝިއާގެ މުހިންމު ތަންތަން"
ވްލަޑިމިއާ ޒެލެންސްކީ

އޭނާ އިތުރަށް ވިދާޅުވީ، ހަމަލާތަކުގެ ޒިންމާ ނުނަގާ އާންމުކޮށް ކީވް އިން ގެންގުޅޭ ސިޔާސަތު މިހާރު ބަދަލު ކޮށްފައި ވާ ކަމަށާއި ކްރެމްލިން އަށް ޕްރެޝާ ބޮޑުކުރާނެ ކަމަށެވެ. އަދި މޮސްކޯގެ ތެރެއަށް ހަމަލާ އަމާޒުވުމަކީ، އަމިއްލަ ގެއާ ކައިރީގައި، ކީވްގައި ގޮވާ ގޮވުންތަކުގެ އިހުސާސް މޮސްކޯގެ ރައޔްިތުންނަށް ވެސް ކުރާނެ ކަމެއް ކަމަށާއި ޔޫކްރައިން އަށް އެރި އެރުން ހަމަ ރަނގަޅުކަމަށް ރައީސް ޕުޓިން ދައްކަވާ ހުއްޖަތްތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވަޑޭވް ވެސް ވަނީ ޔޫކްރައިން ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ޔޫކްރައިން އިން ފަށާފައި ވާ ރައްދު ހަމަލާތައް ކުރިއަރާ ދާނަމަ، ނިއުކްލިއާ ހަމަލާއެއް ދޭން ރަޝިއާ އަށް މަޖުބޫރު ވާނެ ކަމަށެވެ.

ޕުޓިން ޗެއާ ކުރައްވާ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާކަންވެސް ކުރައްވާ ޑިމިޓްރީ ވިދާޅުވީ، ރަޝިއާގެ ބިންތައް ޔޫކްރައިނުން ހިފައިފިނަމަ ދެން އެނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

މޮސްކޯ އޮންނަކީ ޔޫކްރައިންގެ ބޯޑަރުން ފެށިގެން 500 ކިލޯމީޓަރު ދުރުގައި ނަމަވެސް ޔޫކްރައިންގެ ހަމަލާތައް މޮސްކޯއާ ހިސާބަށް ފޯރަމުން ދާތީ ރަޝިއާގެ ދިފާއީ ނިޒާމުތަކާ މެދު ގިނަބަޔަކު ސުވާލު އުފައްދަމުން ވެސް ދެއެވެ.

ޔޫކްރައިނުން ދޭ ޑްރޯން ހަމަލާތައް ރަޝިއާގެ ވެރިރަށަށް އަމާޒުވަމުން ދާއިރު، ގިނަ ޑްރޯންތައް ދިފާއީ ނިޒާމުން ވައްޓާލައެވެ.