އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ ކެމްޕެއިނަށް ހުރަސް އެޅުމުގެ ގޮތުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްވި އިންޒާރަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އާދަމް ޝަމީމް ހޫނު ރައްދެއް ދެއްވައިފިއެވެ.

ފުވައްމުލައް ސިޓީގައި ރޭ ބޭއްވި އެމްޑީޕީ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެ ޕާޓީގެ ކެމްޕެއިނަށް ހުރަސް އަޅާނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އެހެން އެއްވެސް ފަރާތަކަށް ވެސް ކެމްޕެއިން ނުކުރެވޭނެ ކަމަށެވެ. ރައީސް ސޯލިހަކީ ހިތްތިރި ބޭފުޅަކަށް ވިޔަސް "އަޅުގަނޑުމެންނަކީ ހިތްތިރި ބައެއް ނޫން" ކަމަށާއި އެހެންކަމުން އެމްޑީޕީގެ ކެމްޕެއިންނަށް ހުރަސް އެޅުން ހުއްޓާލުމަށް ފައްޔާޒް ވަނީ އިންޒާރު ދެއްވާފައެވެ.

ފައްޔާޒްގެ މި އިންޒާރާ ގުޅިގެން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އެއްކަމެއް ވެސް ނުކުރެވޭނެ ކަމަށާއި ރައްޔިތުންގެ ތާއީދު ނެތް ވެރިއަކާ ދެކޮޅަށް ރައްޔިތުން ބަސް ބުނާނެ ކަމަށެވެ. ތިހެން ދޭ އިންޒާރަކަށް ނުގުޑާނެ ކަމަށާއި މުޒާހަރާތައް ވިއްޔާ ވާނީ ފޯރި ގަދަ" ކަމަށެވެ.

ރައީސް ސޯލިހް ރިޔާސީ ކެމްޕެއިނަށް ވަޑައިގަންނަވާ ބައެއް ރަށްރަށުގައި އިދިކޮޅު ޕީޕީއެމް ސަޕޯޓަރުން ނިކުމެ މުޒާހަރާ ކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް އަންނަނީ ގޮވާލަމުންނެވެ. އެ ގޮތުން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާއަށް ވެސް ހުރަސް އަޅައި އިިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބައެއް ސަޕޯޓަރުން ވަނީ އެ ޖަލްސާ ބޭއްވި މައިލޯ ސްޓޭޑިއަމާ ކައިރި ސަރަހައްދަކަށް އެއްވެ، މުޒާހަރާ ކޮށްފައެވެ.

އެ މުޒާހަރާގައި ހަމަނުޖެހުން ހިންގައި ފުލުހުންނާ ދިމާއަށް އޮއްގާ އުކާފައި ވާ އިރު ފުލުހުންނަށާއި އާންމުންނަށް އެކި ވަރުގެ އަނިޔާ ލިބިފައި ވެއެވެ. އެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ތިން މީހަކު ވަނީ ފުލުހުން ހައްޔަރުވެސް ކޮށްފައެވެ.