ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ކޮންމެ ރެއަކު މާލޭގައި ކުރިއަށްދާ މުޒާހަރާތައް މޮނިޓާ ކުރުމުގައި އެޗްއާރުސީއެމްގެ މުވައްޒަފުން މުޒާހަރާގެ އޮން-ސައިޓް މޮނިޓަރިންގެ އިތުރަށް މީޑިއާ މޮނިޓަރިންގެ މަސައްކަތް ކުރަމުންދާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކުގައި އެޗްއާރުސީއެމްގެ މުވައްޒަފުން ބައިވެރިނުވުމަށް އަންގާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެޗްއާރުސީއެމް އިން ބުނީ އެ ކޮމިޝަންގެ މުވައްޒަފުން މުޒާހަރާ މޮނީޓާކުރަމުން އަންކަމަށެވެ. އަދި މިއީ މުޒާހަރާތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ކޮމިޝަންގެ މެންޑޭޓްގެ ދަށުން ކުރާ މަސައްކަތެއްކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ކޮމިޝަނުގެ އޯވާސައިޓް މެންޑޭޓްގެ ދަށުން، މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކުރަމުންދާ ގޮތް ކޮމިޝަނުން ބަލަމުންދާކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ. މި މަސައްކަތްތައް ކުރުމުގައި، އެ ކޮމިޝަނަކީ ތައައްސުބުން އެއްކިބާވެފައިވާ ފަރާތަކަށް ވާން ޖެހޭކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ބުނީ އެފަދައިން އާންމުންނާ އަދި އެންމެހާ ސްޓޭކްހޯލްޑަރުންނަށްވެސް އެނގި ހާމަވާންޖެހެއެވެ.

ދުނިޔޭގެ ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަންތަކުން (އެންއެޗްއާރްއައި) އަމަލުކުރާ އުސޫލުތަކުގެ ދަށުން، މިފަދަ މުއައްސަސާތަކުގެ މުވައްޒަފުން މަސްލަހަތު ފުށުއަރާނެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ދުރުހެލިވެ ތިބެންޖެހޭކަމަށް އެޗްއާރްސީއެމްއިން ވަނީ ބުނެފައެވެ. އަދި ހަމައެފަދައިން، އެޗްއާރުސީއެމްގެ މުވައްޒަފުންނަށްވެސް މަސްލަހަތު ފުށުއަރާނެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ދުރުހެލިވުމަށް އިރުޝާދު ދެވިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޗްއާރްސީއެމް އިން ބުނީ އަމިއްލަ ހައިސިއްޔަތުން މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން، ކޮމިޝަނުގެ މަސައްކަތުގެ ސައްހަކަމަށް އަސަރުކޮށްފާނެތީ ކަމަށެވެ. އަދި މި ފިޔަވަޅަކީ ކޮމިޝަންގެ ދައުރުގެ ސުލޫކު ހިފެހެއްޓުމަށާއި، ކޮމިޝަންގެ އެންމެހާ މަސައްކަތްތައް ތައައްސުބުން އެއްކިބާވެ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ހުރިކަން ޔަގީންކުރުމަށް އެޅޭ ފިޔަވަޅެއްކަމުގައި އެޗްއާރްސީއެމް އިން ވަނީ ފާހަގަކޮށްފައެވެ.