މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތަކުން ވެއްޓުނު 21 އަހަރުގެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، ޒުވާނުން ކުރަމުންދިޔަ ސިލްސިލާ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި 2 ޒުވާނުންގެ ބަންދަށް 3 ދުވަސް ޖަހައިފިއެވެ.
ރޭގެ މުޒާހަރާގައި ހައްޔަރުކޮށްފައި ވަނީ ނ. ކުޑަފަރި، ބަގީޗާގެ އުމުރުން 28 އަހަރުގެ އަބްދުﷲ މަހްޒޫމް މާޖިދު އަދި މާލެ، މ. ހަސްތީ އުމުރުން 19 އަހަރުގެ އާއިޝަތު ޝިމަން އަހްމަދު އެވެ.
ފުލުހުން ބުނި ގޮތުގައި މަހްޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. އަދި ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.
ޒުވާނުން ރޭ ކުުރި މުޒާހަރާ ރޫޅާލާފައި ވަނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މުޒާހަރާގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަސް ނޭދެވޭ އަސަރުތައް ކުރަމުންދާކަމުގެ ޝަކުވާތައް މެދުނުކެނޑި ލިބެމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.