ގާނޫނާ ހިލާފަށް ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވަނީ ގާނޫނުއަސާސީއިން ރައްކާތެރިކޮށްދީފައިވާ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރުމަށް ގޮވާލާފައެވެ.
އާންމު ރައްޔިތުންގެ އަސާސީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް ފުލުހުން ފުރުސަތު ނުދޭނެކަން ފާހަގަކޮށް ފުލުހުން ބުނީ ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުން ކުރާނެ ކަމަށެވެ. އަދި އެއްވުން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި، އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބާއްވާ ސުލްހަވެރި އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެފަދަ އެއްވުންތައް ބާއްވާ ސަރަހައްދުތަކުގެ މަގުތަކާއި އެއްވުން ނުވަތަ ހިނގާލުން ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމު ފުލުހުން ހަމަޖައްސައިދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫގައި ތަފްސީލްކޮށްދީފައިވާ ގޮތުގެ މަތިން ސުލްހަވެރި އެއްވެއުޅުމުގެ ހައްގު އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ހަމަކަމާއެކު ލިބޭކަން ކަށަވަރުކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ދެމިތިބޭނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
ޒުވާނުން އިސްނަގައިގެން މާލޭގެ މަޖީދީމަގުގައި ކުރިއަށްގެންދާ އިހުތިހާޖުގެ ސަބަބުން އެ މަގު ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި އިމަޖެންސީ ހިދުމަތްތަކަށާއި ވިޔަފާރިތަކުގެ އިތުރުން ޖީސީއޯލެވެލް އިމްތިހާމުތަކަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަން ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.