ރާއްޖޭގެ ރަށްތަކަށް ދަތުރު ކުރާއިރު ޓޫރިސްޓުންނާއި ދިވެހިންގެ ޓިކެޓުގެ އަގު އެއް ހަމައަކަށް ހައްދަވަން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވައުދުވެވަޑައިގެންފިއެވެ.

އިލްޔާސްގެ ކެމްޕެއިންނަށް އައްޑޫ ސިޓީއަށް މިހާރު ކުރައްވާ ދަތުރުގައި އޭނާ ވިދާޅުވީ އައްޑޫގައި އޮތް ހެރެތެރެއާއި ސަންގްރިއްލާ ބަންދުކޮށްފައިވާ ކަމަށާއި އެތަންތަން ހިންގޭނެ ގޮތެއް ނެތް ކަމަށެވެ.

އިލްޔާސް ވިދާޅުވީ އައްޑޫ ރައްޔިތުންނަށް ބޭނުންވަނީ އިގްތިސޯދީ ކުރިއެރުން ކަމަށާއި އެ ސަރަހައްދުގައި ޓޫރިޒަމް ކުރިއަރުވަން ޑިމޮކްރެޓްސްއިން ގެންގުޅޭ ސިޔާސަތަކީ އެ ތަންތަން ހަދައިގެން ހިންގާ ފުރަތަމަ ތިން އަހަރު ތެރޭގައި ޓީޖީއެސްޓީ އެކީ ކަނޑާލުމާއި އިތުރު ހަތް އަހަރު ޓީޖީއެސްޓީގެ ފަންސާސް ޕަސެންޓް ކަނޑާލުން ކަމަށެވެ.

ރާއްޖޭގެ އެހެން ރަށް ރަށަށް ދަތުރުކުރާ ޓޫރިސްޓުންގެ ޓިކެޓުގެ އަގު ދިވެހިންނާ އެއް ހަމަ ކުރުމާއެކު ވިޔަފާރި ކުރުމަށް ބޭނުންވާ މީހުންނަށް ޖާގަ ދޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އައްޑޫގެ ވަރަށް ގިނަ މީހުންނަކީ ރިސޯޓުތަކާއި ރާއްޖޭގެ އެކި ވިޔަފާރި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ކަމަށާއި އެ މީހުންނަށް ހުރި ދަތިތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ޕްރޮޕޯސަލް އެއް ހަދައިގެން ވިޔަފާރިއެއް ޕްލޭން ކޮށްގެން މިނިސްޓްރީ އަށް ހުށަހެޅުމުން އީކުޓީއަށް 20 ޕަސެންޓް، 50 ޕަސެންޓް ދައްކަން ޖެހޭ ކަމަށާއި ގެއާއި، ވެހިކަލެއް ނުވަތަ އޮޑިއެއް މޯގޭޖް ނުކޮށް ފައިސާއެއް ނުލިބޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.