މާލެއިން ބޭރަށް ދާ ނަމަ ހުއްދަ ނުނަގާ ނޫނީ ނުދެވޭ ގޮތަށް ޝަރުތުކޮށް، ކޭޕާކް ފްލެޓުތަކުގެ މައްސަލައިގައި ހައްޔަރުކުރި ހަސަން މަމްދޫހު (މަންޑޭ) ބަންދުން ދޫކޮށްލައިފިއެވެ.

މަކަރާއި ހީލަތުން ކޭޕާކް ފްލެޓުތައް ވިއްކި މައްސަލައިގައި މަމްދޫހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އެންމެ ފުރަތަމަ ޖަހާފައި ވަނީ 15 ދުވަހުގެ މުއްދަތެކެވެ. އޭގެ ފަހުން މި މަހުގެ 20 ވަނަ ދުވަހު އޭނާގެ ބަންދަށް 10 ދުވަސް ވަނީ އިތުރުކޮށްފައެވެ.

އެ މުއްދަތު ހަމަވީ މިއަދަށެވެ.

މަމްދޫހުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ ކޯޓަށް މިއަދު ހާޒިރުކުރުމުން އެ ކޯޓުން ނިންމީ ދެ ޝަރުތެއް ކުރުމަށް ފަހުގައެވެ. މިގޮތުން ކޯޓުން މަމްދޫހަށް ޝަރުތުކޮށްފައި ވަނީ:

  • ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރުވުމަށް
  • މާލެއިން ބޭރަށް ދާ ނަމަ ހުއްދަ ނަގައިގެން ނޫނީ ނުދިއުމަށް

މީގެ ކުރިން މަމްދޫހުގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތް ނަމަވެސް ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ކުރީގެ އަމުރު މުރާޖައާ ކުރުމަށް ފަހުއެވެ. އޭނާގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރި އަމުރު އިސްތިއުނާފުކުރުމަށް، ހައިކޯޓަށް މި މަހުގެ 16 ގައި ހުށަހަޅާފައިވެއެވެ.

ކޭޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި އާބަންކޯގެ އިތުރުން، އެ ފްލެޓުތަކުގެ މަސައްކަތާ ހަވާލުވި ހަންބޯ ކުންފުނިން ވަނީ މަމްދޫހުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފައެވެ. ފުލުހުން އަންނަނީ މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.

ކޭޕާކް ފްލެޓްތަކުގެ މަޝްރޫއު ހިންގަން އާބަންކޯ އިން ހަންބޯ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ އޮކްޓޯބަރު 9، 2016 ގައެވެ. އަދި މަސައްކަތްތައް ފަށާފައި ވަނީ 2017 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން އެ އެއްބަސްވުން އުވާލީ ކަމަށް، ހަންބޯ އިން މީގެ ކުރިން ބުނެފައިވެއެވެ.