ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، މީހުން ޖޫރިމަނާ ފައިސާ ދައްކަން އަނގާފައި އޮތް މުއްދަތު ހަމަވިއިރުވެސް އެފައިސާ ދައްކާފައި ނުވާކަމަށް އެންވަޔަރަމަންޓް ޕްރޮޓަކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ކެޔޮދޫގައި ވެލާތަކެއް ފަޅާލި ހަތް މީހުންގެ ތެރެއިން ކޮންމެ މީހަކު 198،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެހެންކަމުން ހަތް މީހުން ޖުމްލަ 1،386،000 ރުފިޔާއިން އީޕީއޭއަށް ދައްކަން ޖެހެއެވެ.

އީޕީއޭއިން ބުނާގޮތުން އެމީހުން ޖޫރިމަނާ ކޮށްފައި ވަނީ މިދިޔަ ޖޫން މަހު 20 ވަނަ ދުވަހުގައެވެ. އެ ފައިސާ ދެއްކުމަށް އީޕީއޭއިން ދީފައި ވަނީ ޖޫރިމަނާ ކުރި ދުވަހުން ފެށިގެން 30 ދުވަހެވެ. އެމުއްދަތު މިމަހު 20 ވަނަ ދުވަހު ހަމަވިއިރު އެ ފައިސާ ދައްކާފައި ނުވާ ކަމަށް "ދަ ޕްރެސް" އަށް އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާޙިމް ނައީމް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ނައީމް ވިދާޅުވީ، މި މައްސަލާގައި ހިމެނޭ މީހުންގެ ބަހެއް އަޑުއެހުމަށް ފަހު މި މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަޔާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތް ކޮށްފައެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާ ކުރުން ވަނީ މަނާކޮށްފައެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި އެ ކައި ހަދާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން 2016 ވަނަ އަހަރު ކޮށްފައިވާ އިއުލާނެއްގައި ވާ ގޮތުން ވެލާ ކަހަނބު ހިފައި، ގޯނާކޮށް، ގެންގުޅެ ނުވަތަ ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. އެއާ ހިލާފުވާ ފަރާތްތަކުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އަދަބު ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ ތެރެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ތަކެތީގެ "ރެޑްލިސްޓް" އެއް އެކުލަވައިލުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފަށާފައިވާ އިރު، ވެލައާއި ކަހަނބު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެފައިވާ ކަމަށް ފުރަތަމަ ދިރާސާގައި ވަނީ ބުނެފައެވެ. އެގޮތުން މިހާތަނަށް ދިރާސާ ހަދާ ނިމިފައި ވަނީ ވެލާ ކަހަނބުގެ ފަސް ބާވަތެއްގެ އެސެސްމަންޓެވެ. އެއީ ބޯބޮޑުވެލާ، ވާވޮށިވެލާ، މުސިންބީ، ކަހަނބު އަދި އާދައިގެ ވެލައެވެ.

ރާއްޖޭގެ ނުވަ އަތޮޅެއްގައި އާދައިގެ ވެލާ ވިހައި، އާލާވާ ކަމަށް ރިކޯޑް ކޮށްފައި ވާއިރު، މި ބާވަތް އެންމެ ގިނައިން ފެންނަނީ ބ، ކ، ތ އަދި ލ. އަތޮޅުންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކުން މި ބާވަތުގެ 1،170 ވެލާ ފެނިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.