ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގެން ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި ބޭފުޅަކު ބަދަލު ކުރުމަށް ނޫން ކަމަށާއި އެއީ މި ގައުމުގެ މިސްރާބު ބަދަލު ކުރަން ކުރައްވާ ކެމްޕެއިނެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ކެމްޕެއިނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އުމަރު ވިދާޅުވީ، އީސީން ކެންޑިޑޭޓުންގެ ސޮއި ހޯދުމަށް އިއުލާނު ކުރުމާއެކު ސޮއި ހޯދުމުގެ މަސައްކަތް ފައްޓަވައި މިހާތަނަށް 2،000 ސޮއި ހަމަ ކުރައްވައިފައި ވާ ކަމަށެވެ.

ސޮއި ހަމަކޮށްދިނުމަށް ވޮލަންޓިއަރުން ކޮށްދިން މަސައްކަތް ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ، ވޮލެންޓިއަރުން ސޮއި ހަމަ ކުރަން މަސައްކަތް ކޮށްދިނީ ހިލޭ ސާބަހަށް ކަމަށެވެ. އަދި އޭނާއަށް ސޮއި ދިނުމަށް މިހާރުވެސް ގިނަ ބަޔަކު ގުޅާ މެސެޖު ކުަމުންދާ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

"އިރާދަކުރެއްވިޔާ މި ކެމްޕެއިން އަޅުގަނޑުމެން ކާމިޔާބު ކުރާނަން. މިއީ އާންމުންގެ ކެމްޕެއިނެއް. މިހާ ހިސާބަށް އަޅުގަނޑަށް ފާހަގަ ކުރެވުނީ މިއީ ކެމްޕެއިނަކަށް ވުރެ ބޮޑަށް ހަރަކާތެކޭ އިނގޭތޯ. މިއީ މޫވްމަންޓަކަށް ބަދަލުވެއްޖެ، ވަރަށް ގިނަ އަދަދެއްގެ އާންމުން މީގަ ބައިވެރިވެ، މި ހުދު ވަލުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހިފައިފި މިހާރު،"
އުމަރު ނަސީރު

އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި ބޭފުޅަކު ބަދަލު ކުރުމަށް ހިންގާ ކެމްޕެއިނެއް ނޫން ކަމަށާއި މިއީ މި ގައުމުގެ މިސްރާބު ބަދަލު ކުރަން ހިންގާ ކެމްޕެއިނެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އޭނާ އިއުލާން ކުރައްވައިފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އަންނަ ރިޔާސީ އިންތިހާބަށް ފޯމު ހުށަހަޅޭނީ މަދުވެގެން 1،500 މީހުންގެ ސޮޔާއެކުގައެވެ. އަދި ފޯމު ހުށަހަޅާ އިރު، 100،000 ރުފިޔާގެ ފީއެއް ވެސް އީސީ އަށް ދައްކަން ޖެހޭނެއެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ކުރިމަތިލައްވައެވެ. އަދި އިދިކޮޅު ޕީޕީއެމްއިން ނެރެފައި ވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީ ރައީސް އަބްދުﷲ ޔާމީނެވެ. ދެން ނިކުންނަވަނީ ޑިމޮކްރެޓްސް އިން އިލްޔާސް ލަބީބާއި، އެމްއާރުއެމް އިން ފާރިސް މައުމޫންއެވެ.

ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވާފައެވެ. އެގޮތުން އުމަރު ނަސީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވައެވެ.