ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާނުކޮށް އެމްއާރުއެމުން އެތެރޭގެ ޕްރައިމަރީ އަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ އެ ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫން އެކަންޏެވެ.

މިދިޔަ އަންގާރަ ދުވަހުން މިއަދު ހަވީރު 4 ޖަހަންދެން ހުޅުވާލި ފުރުސަތުގައި އެމްއާރުއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހަވާލުކުރެއްވީ ފާރިސް އެކަނި ކަން އެމްއާރުއެމުން ހާމަކުރީ މިރޭ ކުރި ޓްވީޓެއްގައެވެ.

އޮންލައިންކޮށް ބާއްވާ އެމްއާރުއެމްގެ ޕްރައިމަރީގައި ވޯޓުލުން އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގައެވެ.

ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލި އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ވަނީ، އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކޯލިޝަނާ އެކު މަސައްކަތްނުކުރާނެ ކަން ހާމަކޮށްފައެވެ. ސަބަބެއްގެ ގޮތުގައި އެ ޕާޓީން ބުނީ، އެމްޑީޕީން ހުށަހެޅި ހުށަހެޅުންތަކާ މެދު ޕާޓީގެ އެކްސްކޯ އާ އެކު މަޝްވަރާކޮށް، ބައެއް ސިޔާސަތުތަކަށް އެއްބަސް ނުވެވޭތީ ކަމަށެވެ.

އެ ބަޔާނުގައި އެމްއާރުއެމުން ފާހަގަކުރި ގޮތުގައި، ރަސްމީކޮށް އަދި ނުރަސްމީކޮށް އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރެވި، ލިޔެކިއުމުން ވެސް މަޝްވަރާކުރެވިފައި ވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، އެމްއާރުއެމްގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހުޅުވާލާފައި ވަނީ އެ ޕާޓީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން މަޝްވަރާކޮށްފައި ވަނިކޮށެވެ.