މިފަހުން ރާއްޖޭގައި ބާއްވާ އެންމެ ކުލަ ގަދަ ކާނިވާ ކަމުގައިވާ މިނިވަން އުފާ ކާނިވަލް 2023 މާދަމާ ހުޅުވަން ތައްޔަރު ވެއްޖެއެވެ.

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އާބަންކޯ އާއި ހޯމް މިނިސްޓްރީ ގުޅިގެން ހުޅުވާ މި ކާނިވާ އޮންނާނީ ހުޅުމާލޭގެ ސެންޓަރަލް ޕާކުގައި މާދަމާއިން ފެށިގެން މި މަހުގެ 3 ވަނަ ދުވަހާ ހަމައަށެވެ.

އާބަންކޯ އިން ބުނީ، މި ކާނިވަލުގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައިވާ ކަމަށާއި އެގޮތުން، ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާއި އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނޭ ކަމަށެވެ. އަދި ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒާ ޓެގް ގެ ހަރަކާތްތައް ވެސް ހިމެނޭ ކަމަށެވެ.

މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމް ކޮށްފައި ވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރި ވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެންނެވެ. އަދި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކޮށްފައިވާ އިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯންއެއް ވެސް ޕާކުގައި ހުންނާނެ ކަމަށް އާބަންކޯ އިން ބުނެއެވެ.

މި ޕާކަށް ވަނުން މުޅިން ހިލޭ ކަމަށާއި ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަ ގުރުއަތެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އާބަންކޯ އިން ބުނެއެވެ. އެގޮތުން، ކިއުއާރް ކޯޑެއް މެދުވެރިކޮށް ރަޖިސްޓާ ކޮށްލުމުން މި ގުރުއަތުގައި ބަައިވެރިވެގެން، އުރީދޫގެ ހެޔޮ އެދުންތަކާ އެކު އިންޑޮނީސިއާގެ ބާލީއަށް 7 ދުވަހުގެ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާ އެކު ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް އާބަންކޯ އިން ބުނެއެވެ.

ރާއްޖެ މިނިވަން ވިތާ 58 އަހަރު ފުރުމުގެ ގޮތުން، މިއަހަރު ގިނަ ހަރަކާތްތަކެއް ކުރިއަށް ދާއިރު، މިނިވަން އުފާ ކާނިވަލް 2023 ވެގެން ދާނީ، މުޅިން ތަފާތު، މަޖާ އަދި ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލަން ކޮންމެހެން ވެސް ޒިޔާރަތް ކުރަން ޖެހޭ ތަނަކަށެވެ.