ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޔޫކްރައިންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ޔޫރީ އަރިސްޓޯވްގެ ޖިނާއީ ތަހުގީގެއް ފަށައިފިއެވެ.
ޔޫކްރައިންގައި ދައުލަތުގެ މަގާމުތައް ފުރުއްވާ ފަރާތްތަކުން ގައުމުން ބޭރަށް ދަތުރު ކުރައްވާނަމަ ހާއްސަ ހުއްދައެއް ނަންގަވަން ޖެހޭއިރު އެފަދަ ފަރާތްތަކުން ގައުމުން ބޭރުގައި ޗުއްޓީ ހޭދަކުރެއްވުމަކީ މަނާކޮށްފައި އޮންނަ ކަމެކެވެ.
އަރިސްޓޯވް ރާއްޖެ ވަޑައިގަތީ ބޭސް ފަރުވާ ކުރަން ކަމަށް ވިދާޅުވެ ހޯއްދެވި ހުއްދައެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންވެ އޭނާގެ މައްޗަށް ވަނީ ދޮގު މައުލޫމާތު ދެއްވުމުގެ ތުހުމަތުކޮށް ތަހުގީގު ފަށާފައެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރިސްޓޯވް އާއިލާއާ އެކު ރާއްޖެ ވަޑައިގަތީ މިދިޔަ ޖުލައި މަހުގެ ތެރޭ ގައެވެ. ޗުއްޓީ ހޭދަކުރެއްވީ ރާއްޖޭގައި އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ އިތާފުށި ރިސޯޓު ގައެވެ.
އަރިސްޓޯވް ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވިކަން ފަޅާއެރީ، ބަލި ކަމަށް ބަޔާންކުރައްވައި ޗުއްޓީއެއް ނަންގަވައިގެން ގައުމުން ބޭރަށް ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގަތް ތަނުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މިމައްސަލަ ފެންމަތިވުމާ އެކު އަރިސްޓޯވް މިހާރު ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.