ކޮމަންވެލްތް ގޭމްސްގައި ބައިވެރި ނުވާން ނިންމީ އެ ގޭމްސްގައި ބައިވެރިވުމަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށް ދަތުރު ކުރުމުގެ ޓިކެޓަށް ކުރަންޖެހޭ ހަރަދު އެކަނިވެސް އިންތިހާއަށް ބޮޑުވުމުގެ އިތުރުން އެފަދަ ބޮޑު މުބާރާތަކުން ދިވެހި އެތުލީޓުންނަށް އެންމެ އެކަށީގެންވާ ނަތީޖާއެއް ނެރެވޭނެ ކަމަށް ނުފެންނާތީ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވެސް ބުނެފިއެވެ.
ކޮމަން ވެލްތް ގޭމްސްގައި ބައިވެރި ނުވާން ނިންމާފައި ވަނީ އޮލިމްޕިކް މިކޮމިޓީ އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް މަޝްވަރާކުރުމަށްފަހުގައި ކަމަށް ވެސް އެ ކޮމިޓީއިން ބުނެއެވެ.
އޮލިމްޕިކް ކޮމިޓީއިން ބުނީ ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރިވާ އެތުލީޓުންގެ ތެރޭގައި ހިމެނޭ ގިނަ އެތުލީޓުން ކުރިމަތީގައި އޮތް އުންމީދީ ބޮޑު މުބާރާތެއް ކަމުގައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އޮތްއިރު 2 ކުޅިވަރުން 6 އެތުލީޓުން މިގޭމްސްގައި ބައިވެރިކުރުމަށް ހަރަދުވާ ޓިކެޓުގެ އަގު އެކަނިވެސް 1.2 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެހެންކަމުން އެ މުބާތާތުގައި ބައިވެރިނުވެ އެ ފައިސާ އައިއޯއައިޖީއަށް ތައްޔާރުވާ އެތުލީޓުންނަށް ހޭދަކޮށްފިނަމަ އޭގެން ލިބޭނޭ ކަމަށް ބެލެވޭ ނަތީޖާތައް މާބޮޑުތަނުން ވެސް ރަނގަޅުވާނެ ކަމަށް ވެސް ބެލެވޭ ކަމަށް އެ ކޮމިޓީއިން ވަނީ ބުނެފައެވެ.
އެ ކޮމިޓީއިން އިތުރަށް ބުނީ ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރިނުވުމަށް ކަނޑައަޅާފައިވާ އެތުލީތުންނަކީ އައިއޯއައިޖީގައި ބައިވެރިވާ އެތުލީޓުންނަށް ވާއިރު އެފަދަ ދިގު ދަތުރެއްކޮށް ގެއްލޭ ވަގުތުތަކުގެ ފައިދާ މާ ބޮޑަށް އެތުލީޓުންނަށް ކުރާނެތީ ކަމަށެވެ.
ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖެއިން ބައިވެރި ނުވީ ފައިސާ ނެތިގެން ކަމަށް އަޑުތައް ފެތުރިފައިވާއިރު ކޮމަންވެލްތު ގޭމްސްއަކީ އެހެން މުބާރާތްތަކެކޭ އެއްގޮތަށް ދުރާލާ ބަޖެޓް ކުރެވި ފައިސާ ހަމަޖެހިފައިވާ މުބާރާތެއް ކަމަށް ވެސް އެ ކޮމިޓީއިން ބުނެއެވެ. ކޮމަންވެލްތް ގޭމްސްގައި ބައިވެރި ނުވީ ފައިސާ ނެތިގެން ކަމަށް ބުނެ ދެއްކި ވާހަކަތައް ޔޫތު މިނިސްތަރު އަހްމަދު މަހްލޫފް ވެސް ވަނީ ދޮގުކުރައްވާފައެވެ.
މި އަހަރަށް 72 މިލިއަން ރުފިޔާގެ ބަޖެޓެއް އޮލިމްޕިކް ކޮމިޓީން ފާސް ކުރީ މިދިޔަ މާޗު މަހު ބޭއްވި ކޮންގްރެސް ގައެވެ. އޮލިމްޕިކް ކޮމިޓީގެ ބަޖެޓް 80 ޕަސެންޓް ދެނީ ޔޫތު މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުންނެވެ. ރާއްޖެ އިން ބައިވެރިވާ އައިއޯއައިޖީ ގޭމްސް އަންނަ މަހުގެ 25 އިން ސެޕްޓެމްބަރު ތިނަކަށް މަޑަގަސްކަރައިގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުންވެސް ސެޕްޓެމްބަރު 23 އިން އޮކްޓޯބަރު އަށަކަށް ޗައިނާގެ ހަންގްޒޫގައި ބާއްވަން ތާވަލް ކޮށްފައިވާ އޭޝިއަން ގޭމްސް ގައި ވެސް ރާއްޖެ އިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.