ދިވެހިންގެ ގައުމު އަނބުރާ ލިބޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނެސްގެން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
މިއަދު ފާހަގަ ކުރަމުންދާ މިނިވަން ދުވަހާ ގުޅިގެން އެ ކޯލިޝަން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހީން ފަހުރުވެރިވާ ދިވެހީންގެ މިނިވަން ދުވަހާ ބައްދަލު މި ވަނީ ކަޅު އަނދިރިކަމާއި ހިތްދަތިކަމާއި ބަނަކަމުގެ އިހުސާސްތައް ކުރުވަމުން ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނަގައިލައި ދިވެހީންގެ މައްޗަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ފޯރުވަމުން ގެންދާއިރު މިނިވަންކަމުގެ އިހުސާސް ކުރެވޭތޯ ވެސް އިދިކޮޅުން ވަނީ ސުވާލު އުފައްދާފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްވެ ހުރެ އިންޑިއާގެ އަތްމައްޗަށް ގައުމު ދީލާލައި، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިގެން ކުރަމުންގެންދާ ވެރިކަން ނިމުމަކަށް ގެނެސް ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނެސްގެން މެނުވީ ދިވެހީންގެ ގައުމު ދިވެހީންނަށް އަނބުރާ ހޯދޭނޭ ގޮތެއް ނެތް ކަމަށެވެ.
ދިވެހި ގައުމު އަޅުވެތިކަމުގެ ވިލާތަކެއްގެ ދަށުގައިވާ މި ހައްސާސް ވަގުތުގައި ގައުމުގެ މަސްލަހަތު ދިފާއުކުރުމަށް އެންމެން އެކީ ބާރުލައި މަސައްކަތްކުރުމަށް އަތުގުޅާލުމަކީ ރައީސް ޔާމީންގެ އެދިވަޑައިގަތުމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
އިދިކޮޅު ކޯލިޝަނުން އިތުރަށް ބުނީ ރައީސް ޔާމީނާއި އެ ކޯލިޝަންގެ އުއްމީދާއި ދުއާއަކީ މަދު ދުވަސްކޮޅެއްގެ ފަހުން ބައްދަލުކުރާ ރިޔާސީ އިންތިހާބަކީ ގައުމުގެ ހާލަތު ބަދަލުކުރެވޭނޭ އިންތިހާބެއްކަމުގައިވުން ކަމަށެވެ.