އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ހަމަޖައްސައިފިއެވެ.

އެމްއެންޕީން މިއަދު އެކަން އިއުލާން ކޮށްފައި ވާއިރު އުޝާމްއަކީ އެމްއެންޕީގެ ނައިބު ރައީސްއެވެ. ތިން ޕާޓީއަކުން އިންތިހާބީ އޭޖެންޓު ހަމަޖައްސާފައި ވާއިރު މިހާރު އޭޖެންޓެއް ކަނޑައަޅައިފައި ނުވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުގެ ގާސިމް އިބްރާހިމް އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެ މީހަކު އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެ މީހެއްގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަން ޖެހެއެވެ.

އެމްއެންޕީން އިންތިހާބީ އޭޖެންޓު ހަމަޖައްސާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓަކަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އަދި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވަނީ ހަމަޖައްސާފަ އެވެ.

ތޮލާލަކީ ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ވެސް ތޮލާލް ވަނީ ކުރައްވާފައެވެ. ޕީޕީއެމްއިން ޔާމީންގެ އިންތިހާބީ އެޖެންޓެއް މިއަދު އިއުލާން ކޮށްފައިވީ ނަމަވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުއެކު އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވޭނެ ފުރުސަތު ވަނީ ހަނިވެފައެވެ.