ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގުޅިގެން އެއް ކެނޑިޑޭޓެއް ނެރުމަށް މަޝްވަރާ ކޮށްފިއެވެ.

މިއަދު ކުނޫޒުގައި ބޭއްވި ޖޭޕީ އަދި އެމްއާރްއެމްގެ ބައްދަލުވުމަށް ފަހު ވާހަކަ ދައްކަވަމުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަދަލު ގެނެވޭނީ ކޮމަން ކެނޑިޑޭޓެއް ނެރެގެން ކަމަށް ސިޔާސީ ގިނަ ބަޔަކު ގާބޫލު ކުރާއިރު ޖޭޕީގެ ވިސްނުން ވެސް އެ ދިމާއަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރައްޔިތުން ބޭނުންވެގެން އުޅޭ ބަދަލު އެންމެ ފަސޭހައިން ގެނެވޭނެ ގޮތަކީ ކޮބާތޯ ބަލަން އެ ދިމާއަކަށް ދާން ހުރިހާ ސިޔާސީ މީހުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އެމްޑީޕީއާއެކު ކޯލިޝަންގައި އޮވެ ރިޔާސީ އިންތިހާބަށް ޖޭޕީއިން ކުރިމަތިލުމުން އަމާޒު ވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން އަމީން ވަނީ އެ އެއްބަސްވުމުގައި އޮތީ ކޮއްޗެއްކަން ފާޑުކިޔާ މީހުންނަށް އެނގޭތޯ ސުވާލު އުފައްދަވާފައެވެ. އަމީން ވިދާޅުވީ، އެ އެއްބަސްވުމުގައި ވާނީ މި ފަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ކޯލިޝަންގައި ތިބުމަށް ކަމަށެވެ.

އެހެންކަމުން ދެން އަންނަން އޮތް ސަރުކާރު އުފެއްދުމަށް ކުރާ މަސައްކަތް ހުރަހެއް އޮވެގެން ނުވާނެ ކަމަށާއި ކޯލިޝަނާމެދު ސުވާލު އުފައްދާ ފަރާތްތަކަށް ކޯލިޝަން އޮތްތޯ ސުވާލު ކުރުމަށް ވެސް އަމީން ވަނީ ގޮވާލައްވާފައެވެ. އެފަދައިން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބާ ހަމައިން އެމްޑީޕީ އިން އަމިއްލައަށް އެއްބަސްވުން ރޫޅާލާފައި ވާތީ ކަމަށް އަމީން ވިދާޅުވެއެވެ.

އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނު ވިދާޅުވީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާނު ނުކުރައްވާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބަކީ ގާނޫނީ ވަގުތު ކަނޑައެޅިފައިވާ މަސައްކަތަކަށް ވާތީ ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ބައެއް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ފާރިސް އިތުރަށް ވިދާޅުވީ މި ސަރުކާރަށް ވުރެ ރަނގަޅަށް ވެރިކަން ހިންގޭނެ ފޯމިއުލާއެއް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު ކޯލިޝަންގައި ތިއްބެވި ބޭފުޅުންނާ އެކީގައި ވިޔަސް ނޫނީ އެބޭފުޅުން ނުހިމެނޭ ގޮތުން ނަމަވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.