ސިންގަޕޫރުން ބޭސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަރުވާގެ މުއްދަތު އަންނަ މަހުގެ 28 ވަނަ ދުވަހާ ހިސާބަށް އިތުރުކޮށްފައިވާ ކަމަށް ކަރެކްޝަން ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަންސްއިން އަދީބްގެ ބޭސް ފަރުވާއަށް އިތުރުކޮށްފައި ވަނީ ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ރިއާއަތް ކުރުމަށް ފަހުގައި ކަމަށެވެ.

އަދީބުގެ ބޭސްފަރުވާއަށް މި މަހު 12 ވަނަ ދުވަހު ކަރެކްޝަންސްއިން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހަދަން އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަން ސާވިސް އަދި ދިވެހި ފުލުހުންގެ ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ.

އަދީބު ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން ބުނީ އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ އެކި ހޮސްޕިޓަލުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީން ބުނެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އަދީބަށް ނުހައްގުން އަނިޔާ ދީ ބޭސްފަރުވާއިން މަހުރޫމު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް އެމީހެއްގެ ސިޔާސީ ފިކުރަށް ބެލުމެއްނެތި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގެއްކަމަށް އެމްޓީޑީ އިން ވަނީ ފާހަގަ ކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ ވަނީ އިއުތިރާފު ވެފައެވެ. އަދި މި މައްސަލައިގައި 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.