ރ.ވާދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއް ބަނގުރާ ފުޅިތަކެއް އަތުލައިގަނެފިއެވެ.

ފުލުހުން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ، ޖުލައި 24 ވަނަ ދުވަހު ސަފާރީއަކުން ހުއްދަނެތި ވާދޫއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ވާދޫ ޕޮލިސް ޑެސްކާއި އަލިފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 455 ފުޅި ބަނގުރާ އަދި 52 ދަޅު ބަނގުރާ އެ ސަފާރީން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިއަހަރުގެ މެއި މަހުވެސް މިފަދަ ހާދިސާއެއް އުކުޅަހުގައި ހިނގާފައިވައިރު އެ ރަށުގެ ރައްޔިތުން އިހުތިޖާޖުކޮށް ސަފާރީ ވަނީ އެ ރަށު ފަޅުތެރެއިން ނެރެފައެވެ. ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ހިންގަމުން އަންނަ އުކުޅަހުގެ ފަޅު ތެރޭގައި އޮތް ސަފާރީ ކޯޓު އަމުރެއްގެ ދަށުން ސަފާރީ ބަލާފާސްކުރި ނަމަވެސް ބަނގުރާ ފެނިފައި ނުވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެ ރަށު ރައްޔިތުންވަނީ މައްސަލަ ހޫނުވެ ފުލުހުން ސަފާރީ ބަލާކަން އެގުމުން ރާ ފޮރުވާފައިވާކަމަށް ތުހުމަތުކޮށްފައެވެ. އަދި މީގެ ކުރިންވެސް އެ ސަފާރީ އުކުޅަހަށް އައިސް ބަނގުރާ ވިއްކާ ކަމުގެ ތުހުމަތު ރަށުގެ ރައްޔިތުން ވަނީ ކޮށްފައެވެ.