މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި މަސްވެރިންނަށް ހެޔޮ ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަަމަށް އެ ޕާޓީގެ ރިޔާސީ ކެންޑީޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ 'ނުއިވޭ އަޑުތައް' ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ ދީފައި ތިބެނީ ސިޔާސީ ބޭނުމެއްގައި މަސްވެރިކަން ކުރާ މީހުންނަށް ކަމަށާއި މީގެ ކުރިން މަސްވެރިކަން ބޮޑެތި ރަށްތަކުގައިވެސް މަސްވެރިކަން ކުރާނެ މީހުން މިހާރު ނުވާ ކަމަށެވެ.

މަސްވެރިކަން ކުރާ ދޯނިތައް މަދުވެއްޖެކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ .ށ. ފޯކައިދޫގައި އޮތީ ދެ ދޯނި ކަމަށާއި އަދި ހދ. ކުޅުދުއްފުށީގައި މަސްވެރިކަން ކުރާ އޮތީ ހަތަރު ދޯނި ކަމަށެވެ. އަދި ހއ.އިހަވަންދޫއިންވެސް ހިތަށް ތަދުވާ ވަރަށް މަސްވެރިން މަދުވެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މަހަށް ދާނެ މީހަކު ނުވެގެން ހުރިހާ ދޯނިތަކެއް މުދާ އުފުލާ ދޯނިތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އެމްއެންޕީން ރޭ ބޭއްވި ބައްދަލުވުމުމުގެ ތެރެއިން

އެއާ ހިލާފަށް އެމްއެންޕީގެ ވެރިކަމެއްގައި މަސް ދޯނި ފަހަރު ހިލޭ ބަނދެދީ، ޒުވާނުން މަސް ކަނޑުތަކަށް ނެރޭނެ ކަމަށާއި މަހުގެ އަގު 22 ރުފިޔާއަށް ބަދަލުކޮށްދޭނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. އަދި މަސްވެރިކަމަށް އަހުލުވެރިކުރުވުމަށް ސްކޫލްތަކުގައިވެސް ތަފާތު ޕްރޮގްރާމްތައް ހިންގަވާނެ ކަމަށާއި އެމީހުންނަކީ ކުރާ ހިތުން މަސައްކަތް ކުރާނެ ބަޔަކަށް ހައްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީ އާ އެކު މަސް އުޅޭ ސަރަހައްދު ހޯދޭނެ ގޮތް ހަމަޖައްސައި ބަންނަ އުޅަނދުފަހަރަކީ މޮޑަން ޑިޒައިން ކަމުގައި ހައްދަވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. 20 އަހަރު ވުމުން މަސްވެރިންނަށް ޕެންޝަން ލިބޭނެ ގޮތް ހަމަޖައްސާދޭނެ ކަމުގެ ޔަގީންކަން ދެއްވުމަށްފަހު ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ލިބޭނެ ކަމަށާއި ދޯނީގައި މަސް ފިނި ކުރެވޭނެ ނިޒާމު ވެސް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

އެމްއެންޕީން ރޭ ބޭއްވި ބައްދަލުވުމުމުގެ ތެރެއިން

ރިޔާސީ އިންތިހާބުގައި އެމްއެންޕީ ތަމްސީލުކުރާނެ ކެންޑިޑޭޓެއް ނެރުމަށްޓަކައި އެ ޕާޓީން ޕްރައިމަރީ އެއް ބާއްވާނެ ކަން އިއުލާނު ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. އެ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ ނާޒިމް އެކަނި ކަމުން، އެމްއެންޕީގެ ޓިކެޓް އޮޓޮމެޓިކުން ވަނީ ނާޒިމަށް ކަށަވަރު ވެފައެވެ. އަދި މިދިޔަ މަހުގެ 26 ވަނަ ދުވަހު ނާޒިމަށް ވަނީ ރިޔާސީ ޓިކެޓު ހަވާލުކޮށްފައެވެ.