ބައިބޯ އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި އަލިފާން ރޯވެ މީހަކު ފިހިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އައްޑޫސިޓީ ހިތަދޫ "ކުޅިބަލާބޭ" ގޭގައި ރޯވެގެން ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރު ސްޓޭޝަނަށް ރިޕޯޓް ކޮށްފައި ވަނީ ފަތިހު 04:10 ހާއިރު ކަމަށެވެ. އަދި އެ ސަރަހައްދަށް ފަޔަމަނުން ގޮސް ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން ނިއްވާލެވިފައި ވަނީ ފަތިހު 05:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެ ގެއަށް ވަނީ އަލިފާނުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައެވެ. އަދި މި ހާދިސާ ހިނގި ވަގުތު އެ ގޭގައި އުޅުނު ފިރިހެނެއްގެ އަތާއި ފައި ވަނީ ފިހިފައެވެ.

ހާދިސާ ހިނގަން ދިމާވި ގޮތް އަދި ސާފު ނުވާއިރު، ކައުންސިލާއި ކަމާ ބެހޭ އެހެން އިދާރާތަކާ ގުޅިގެން އެ ގޭގައި ދިރިއުޅުނު މީހުންނަށް އެހީތެރިކަން އަންނަނީ ފޯރުކޮށް ދެމުންނެވެ.