ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ވެރިކަން ވައްޓާލައި އެންމެ އިސް އަސްކަރީ ލީޑަރުން ހައްޔަރު ކުރަން ހަތިޔާރު އެޅި ވާގްނާ ޖަމާއަތުން ހިންގަން އުޅުނު ބަޣާވާތް ޖޫނިއާ ކޮމާންޑަރަކު ކިޔައިދީފިއެވެ.
ނަން ނުޖެހުމަށް ޝަތުރުކޮށް ކޮމާންޑަރާ ހަވާލާދީ ބީބީސީ ބުނީ، އޭނާގެ ޔުނިޓު ގާއިމުވެ ތިބެނީ ރަޝިއާއިން ހިފި ޔޫކްރައިންގެ ލުހާންސްގެ ބެރެކްސްގައި ކަމަށާއި އެތާ ތިއްބާ ކޮމާންޑަރަކު އޯދަރު ދިނީ ޔޫކްރައިނުން ނިކުމެ ރަޝިއާގެ ރޮސްޓޯވް އަށް ވަންނަ ފައުޖީންނާ ގުޅުމަށް ކަމަށެވެ.
އެނާގެ ޔުނިޓަކީވެސް އަދި އެހެން ފައުޖީންނަކީވެސް އޯޑަރަށް ބޯލަނބާ ބައެއް ކަމުން، ދަނީ ކޮންތާކަށްތޯ ކުރަނީ ކީއްތޯ ނުބަލާ ކަމަށާއި ރޮސްޓޯވް އަށް ވަންނަން ދިޔަ އިރު، ރޮސްޓޯވްގެ ބޯޑަރުގައި އެންމެ ގާޑަކުވެސް ނެތް ކަމަށް އޭނާ ބުންޏެވެ. އެތާ ތިބި ބަޔަކުވެސް ތިބީ ހަތިޔާރު ބަހައްޓާ ވާގްނާގެ ފައުޖަށް މަރުހަބާ ކިޔަން ކަމަށް ބުނެފައި ވެއެވެ.
ރޮސްޓޯވް އަކީ، ރަޝިއާއިން ޔޫކްރައިން އަށް ދޭ ހަމަލާތައް ވިލަރެސް ކުރާ ހުޅަނގު ބިތުގެ މައި މަރުކަޒު ހުންނަ ސިޓީއެވެ. އެސިޓީއަށް ވަދެގެން ދިޔަ އިރުވެސް އެކަކުވެސް ކުރިމަތި ނުލާ ކަމަަށާއި އެކި ޔުނިޓްތަކަށް އޮތީ އެކި ޓާސްކް ކަމަށާއި އޭނާގެ ޓީމާ ހަވާލުކޮށްފައި އޮތީ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) ގެ އިމާރާތް ހިފަން ކަމަށާއި އެތަނަށް ދިޔަ އިރު ތަން ތަޅުލާ، މީހެއްގެ ހިލަމެއްވެސް ނެތް ކަމަށް އޭނާ ބުންޏެވެ. އެއާއެކު ޑްރޯން އަރުވައިގެން މީހެއްގެ ހިލަމެއް ވޭތޯ ބަލަމުން ދަނިކޮށް ދެމީހަކު ނިކުތް ކަމަށާއި އެމީހުން ޑީލެއް ހަދަން ހިނގާށޭ ބުނުމުން ކޮން ޑީލެއްތޯ ހަދަން ވީ ރޮސްޓޯވް އަކީ އެމީހުންގެވެސް ރަށް ކަމަށް ބުނިކަމަށް ބުނެފައި ވެއެވެ.
އޭރުވެސް ވާން އުޅޭގޮތެއް އަދި ވާންވީ ގޮތެއް އޭނާ އަށް ނޭނގޭ ކަމަށާއި އެހެން ތިއްބާ ވާގްނާގެ ބޮސް ޕްރިގޯޒިން ރަޝިއާ ސިފައިންގެ އިސް ދެ އޮފިސަރަކާ ވާހަކަ ދައްކަން ތިއްބާ ވާގްނާގެ ފައުންޑަރު ޑިމިޓްރީ އުޓްކިންގެ ފައުޖެއް ހައިވޭއިން ވޮރޯނެޒް އާ ދިމާއަށް ދިޔަތަން ފެނުނުކަމަށް ބުނެފައި ވެއެވެ.
އެނާ ބުނީ، އޭރުވެސް ޕްރިގޯޒިންގެ ޕްލޭނަކީ ކޮބައިކަން ނޭނގޭ ކަމަށާއި އޭނާއާއި ބައިވެރިންވެސް މައުލޫމާތު ހޯދަމުން ދިޔައީ ނޫސްވެރިންނަށް ވެސް މައުލޫމާތު ލިބޭގޮތަށް ވާގްނާގެ ޓެލެގްރާމް ޗެނަލުން ކަމަށެވެ.
ވޮރޯނެޒް އަށް ދިޔަ ފައުޖަކީ، މޮސްކޯއަށް ވަންނަން ދިޔަ ފައުޖެވެ. އެ ފައުޖު ވޮރޯނެޒް ހުރަސްކޮށް ގޮސް މޮސްކޯ އާ ގާތްގަނޑަކަށް 200 ކިލޯމީޓަރަށް ވަނެވެ. ނަމަވެސް އަނބުރާލައި ފައިބައިގެން ދިޔައީ ބެލަރޫސްގެ ރައީސް ޕްރިގޯޒިން އާ ވާހަކަ ދެއްކެވުމަށް ފަހު ވާގްނާގެ ފައުޖީންނަށް ބެލަރޫސް އިން ހިމާޔަތް ދެއްވާނެ ކަމަށް ވިދާޅުވުމުންނެވެ.
ފައުޖީން ފޭބި އަސްލު ސަބަބަކީ އެއީކަން މުޅިން ސާފު ނުވި ނަމަވެސް، ވާގްނާ އަކީ ހާއިނުން ކަމަށް ކަނޑައަޅާ ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެ ފަހުން ދައުވާ ނުކުރަން ޕުޓިން ނިންމެވިއެވެ. އެއާއެކު އެފްއެސްބީ ހިފަން ހަވާލުވި ކޮމާންޑަރުވެސް ދިޔައީ ލުހާންސްގެ ބެރެކްސް ތަކަށް ކަމަށާއި އެތާނގައި މިހާރުވެސް ތިބި އިރު ދެން ވާންވީ ގޮތެއް އަދި ނޭނގޭ ކަމަށް އޭނާ ބީބީސީ އަށް ބުނެފައި ވެއެވެ.
އޭނާ ބުނެފައި ވަނީ، ވާގްނާއިން ކަނޑައަޅާފައި ވާ ކޮމާންޑަރަކު ފިޔަވައި އެހެން މީހަކަށް މީޑިއާ އާ ވާހަކަ ދެއްކުން މަނާ ކަމަށާއި އެކަން ކޮށްފި މީހަކު މަރާލާނެ ކަމަށް އަންގާފައި ވެސް ވާކަމަށެވެ.
ވާގްނާގެ ފައުޖީންގެ އެއްބައި މިހާރު ބެލަރޫސް ގައި ތިބި އިރު އެމީހުން ދަނީ، ބެލަރޫސްގެ ސިފައިންނަށް ތަމްރީނުވެސް ދެމުންނެވެ. އަދި ޕުޓިން މިހާރު ވަނީ ވާގްނާގެ އާ ބޮސް އަކަށް ކުރީގެ ޖެނެރަލެއް ކަމަށް ވާ އެންޑްރޭ ޓްރޮޝޭވްގެ ނަން ހުށަހަޅުއްވާފައެވެ. ނަމަވެސް އޭނާ އަކި ބޮސް ކަމަށް ޕްރިގޯޒިން ބަލައިގަންކަމެއް އަދި ސާފެއް ނުވެއެވެ.