ވަރިވާން ހުށަހެޅި މައްސަލައަކާ ގުޅިގެން އަންހެނަކަށް ގުޅާ، މެސެޖު ކުރި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފިއެވެ.
މީގެ ކުރިން އަލީ އާދަމް ސަސްޕެންޑް ކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ހަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށެވެ.
އޭރު 2 ހަފްތާގެ މުއްދަތަކަށް އަލީ އާދަމް ސަސްޕެންޑް ކޮށްފައިވާއިރު ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަން ދެން ޖުލައި 12 ވަނަ ދުވަހުން ފެށިގެން އަލީ އާދަމް ސަސްޕެންޑް ކޮށްފައިވާ ކަަމަށެވެ.
މިދިޔަ އަހަރު އެޕްރީލް މަސްތެރޭގައި ވެސް އަލީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެގެން ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ވަނީ ފިޔަވަޅު އަޅާފައެވެ. މި ގޮތުން ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަ ކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވުމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ވަނީ ސާބިތުވެފައެވެ.
މީގެ އިތުރުން އަލީ އާދަމް ޖަމްއިއްޔާއެއް އުފައްދައި ހަރަކާތްތެރިވެފައި ވާކަން ސާބިތުވެފައި ވާއިރު އަލީ އާދަމް އުފެއްދި ޖަމްއިއްޔާއިން އިސްނަގައިގެން ހދ. ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި އަލީ އާދަމް އަމަލީ ގޮތުން ބައިވެރިވެފައި ވާތީ އާއި އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި އާންމުން ދުށުމުގެ ފުރުސަތު އޮތް ހަރަކާތެއްކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ. އަދި އަލީ އާދަމްގެ ފޭސްބުކް އެކަންޓުން އެ ހަރަކާތް އިޝްތިހާރު ކުރުމަށް މަސައްކަތް ކޮށްފައި ވާއިރު ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ފާޅުކޮށްފައިވާ ޝުއޫރުތަކަކީ އޭނާ ހިއްސާކޮށްފައިވާ ތަކެތިކަމަށް ބުނެ ވަނީ އިއުތިރާފު ވެފައެވެ.
އެއީ ސިޔާސީގޮތުން ފާޅުކޮށްފައިވާ ހިޔާލުތަކާއި ޝުއޫރުތަކެއް ކަމަށް އާންމުން ދުށުމުގެ ފުރުސަތު ފާޅުކަން ބޮޑު ގޮތެއްގައި އޮތް ކަމެއްކަމުގައި ޖޭއެސްސީ އިން ވަނީ އޭރު ނިންމާފައެވެ.