ކުރިއަށް ދާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުން ކަމަށާއި، އެބޭފުޅާ އަށް ވުރެ ސިޔާސީ ގޮތުން މައްޗަށް އެރޭނެ ގޮތެއް ނޯންނާނެ ކަމަށް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަށް ކުރިމަތިލުމަށްޓަކައި މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އިއްޔެ ހަވީރު 4 ގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުށަހެޅުއްވީ އިލްޔާސް އެކަންޏެވެ.

އެހެންކަމުން، އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޑިމޮކްރެޓްސް އިން ނިންމާފައި ވަނީ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި އިލްޔާސަށް ވާދަކުރެއްވޭނެ ކަން ކަށަވަރުވާނީ އަންނަ ހުކުރު ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުންނެވެ.

ރޭ ޑިމޮކްރެޓްސް އިން ބޭއްވި ހަރުގެ ބައްދަލުވުމުގައި މީހަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި އިލްޔާސް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެެވެ. އޭނާ ވިދާޅުވީ، ނަޝީދަށް ރައީސް ހަރާންކޯރުވެވަޑައިގެންފައިވާ ކަމަށާއި، އެހެންކަމުން ރައީސަށް އެއްވެސް ސަލާމަތެއް ނެތް ކަމަށެވެ. އެހެންކަމުން މިހާރު މި އޮތް އެމްޑީޕީގެ ވެރިކަން ނިމޭނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިލްޔާސް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފައެވެ.

"އަޅުގަނޑުގެ ސިޔާސީ އަޅުގަނޑުގެ ޓީޗަރަކީ އަޅުގަނޑުގެ މުދައްރިސަކީ ރައީސް ނަޝީދު، އެބޭފުޅާގެ ފަހަތުގަ އަޅުގަނޑު ކުރިއަށް މި ދަނީ، އަދި ދެންވެސް ދާން އޮތީ އެބޭފުޅާގެ ފަހަތުގަ، އަޅުގަނޑަކަށް އެބޭފުޅާގެ މައްޗަކަށް އެރޭނެ ގޮތެއް ނޯންނާނެ،"
އިލްޔާސް ލަބީބު

އޭނާ ހޮވިވަޑައިގެންފި ނަމަ އިންތިހާބުގައި ވާދަކުރައްވައި ކާމިޔާބުކުރައްވަނީ ޑިމޮކްރެޓުންނާއި ނަޝީދާ އެކީގައި ކަމަށާއި، ވައުދުތައްވެވަޑައިގަންނަވާނީ އާންމުންގެ ތެރޭ، އާންމުންނާ އެކީގައި ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"އަޅުގަނޑު ވާ އެގްރީމެންޓެއް ވާނީ މިތާނގަ، އަޅުގަނޑު މިއަދު ވެސް މި އިނީ އެ އެގްރީމެންޓް ހަދަން ނިކުމެ، ތަނެއްގަ ކޮޓަރިއެއްގަ ސިއްރަކުންނެއް ނޫން، އެ އެގްރީމެންޓް ހަދަން ނިކުމެ އިންނާނީ ހަރުގޭގަ، މަގުމަތީގަ، ތިބޭފުޅުންނާ އެކީ،"

ޑިމޮކްރެޓްސް އިން ޕްރައިމަރީ އަށް ހުޅުވާލާފައި ވަނީ ދާދިފަހުން އެ ޕާޓީ އާއި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން ބައްދަލުކޮށް، ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުމާ މެދު މަޝްވަރާކޮށް އެއްބަސްވެފައި ވަނިކޮށެވެ. މިދިޔަ ބުދަ ދުވަހު ތިން ޕާޓީގެ އިސް ބޭފުޅުންގެ މަޝްވަރާ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ، ތިން ޕާޓީގެ މަޝްވަރާ އިން އެއް ކެންޑިޑޭޓެއް ނެރޭނެ ފޯމިއުލާ އެއް އެބައޮތް ކަމަށާއި ޕީޕީއެމާ މަޝްވަރާކޮށް އެންމެނަށް އެއްބަސް ވެވޭނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެ ދުވަހު ނެރުނު ބަޔާނެއްގައި ޕީޕީއެމުން ބުނީ، ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެދުމަކީ އެ ޕާޓީން އެދޭގޮތް ކަމަށެވެ. ޕީޕީއެމުން މިހެން ބުނި ނަމަވެސް، ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މިހާރު ހާލަތު އޮތް ގޮތުން އިންތިހާބުގައި ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ވަނީ ގާތްގަނޑަކަށް ހެން ގެއްލިފައެވެ.