މިދިޔަ އަހަރު ފެށި ޔޫކްރައިން ހަނގުރާމަ އާ ހެދި އެމެރިކާ އިން ރަޝިއާ އަށް ސެމީކޮންޑަކްޓަރު ނުވަތަ ޗިޕް ބޭރުކުރުން ހުއްޓާލުމާ ގުޅިގެން، އެ ތަކެތި އެ ގައުމަށް ރާއްޖެ މެދުވެރިކޮށް ފޮނުވަން ފަށައިފިއެވެ.
އިންޑިއާގެ ރިސާޗް ފާމަކާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން، ރަޝިއާ-ޔޫކްރައިން ހަނގުރާމަ ފެށި ފަހުން، އެމެރިކާ އިން އުފައްދާފައިވާ ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ ސެމީކޮންޑަކްޓަރު ވަނީ ރާއްޖެ މަގުން ރަޝިއާ އަށް ފޮނުވައިފައެވެ. އެ ތަކެތީގެ އަގު 53.6 މިލިއަން ޑޮލަރަށް (827 މިލިއަން ރުފިޔާ) އަރާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އދ ގެ ބައެއް މައުލޫމާތާ ހަވާލާދީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2021 ގައި ރާއްޖޭން 280 މިލިއަން ޑޮލަރުގެ މުދާ ބޭރުކޮށްފައި ވެއެވެ. އޭގެ ތެރެއިން 20 ޕަސެންޓަކީ ރަޝިއާ އަށް ބޭރުކުރި ސެމީކޮންޑަކްޓަރުތައް ކަމަށާއި، އެ ތަކެތި މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން ރަޝިއާ އަށް ބޭރުކުރި މިންވަރު އިތުރުވެފައިވާ ކަމަށް، އދ އިން އެއްކުރި މައުލޫމާތުގައި ބުނެފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރަޝިއާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެއިރޯފްލޮޓް އިން ރާއްޖެ އަށް އަލުން ދަތުރުތައް ވެސް ފެށީ މިދިޔަ އަހަރުގެ މޭ މަހުގައެވެ.
ރާއްޖޭގެ ކަސްޓަމްސް އިން ބޭރުގެ ބައެއް މީޑިއާތަކަށް ބުނީ، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ތަފާސްހިސާބުތަކުގައި ރަޝިއާ އަށް ބޭރުކުރި ސެމީކޮންޑަކްޓަރުތަކުގެ މައުލޫމާތު ނުހިމެނޭ ކަމަށާއި، އަދި އެފަދަ މައުލޫމާތެއް ކަސްޓަމްސްގައި ނެތް ކަމަށެވެ. ރާއްޖޭން ރަޝިއާ އަށް ރީއެކްސްޕޯޓު ކޮށްގެންނާއި ޓްރާންސްޝިޕްމަންޓް ކޮށް މުދާ ފޮނުވައެވެ. ޓްރާންސްޝިޕްމަންޓް ކޮށް ފޮނުވާ މުދަލުގެ ކްލިއަރެންސް މަސައްކަތް ކަސްޓަމްސް އަކުން ނުކުރާނެއެވެ.
ރިޕޯޓްތަކުން ބުނާ ގޮތުން، ރާއްޖެ މެދުވެރިކޮށް ރަޝިއާ އަށް ސެމީކޮންޑަކްޓަރު ބޭރުކުރުން މި ވަނީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައެވެ. އެމެރިކާގެ ފަރާތްތަކުން ތުހުމަތުކުރަނީ ރަޝިއާ އަށް ސެމީކޮންޑަކްޓަރު ރާއްޖެ މެދުވެރިކޮށް ބޭރުކުރަނީ "އިންޓާމޮޑަލް މޯލްޑިވްސް" ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށް ވެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ޕޯޓަލްގައިވާ ގޮތުން، "އިންޓަމޮޑަލް މޯލްޑިވްސް"ގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ނަމަވެސް އެ ކުންފުންޏަށް ވިޔަފާރިކުރުމުގެ އެއްވެސް ހުއްދަ އެއް ދޫކޮށްފައި ނުވާ ކަމަށާއި، އެ ކުންފުނީގެ ދަށުގައި އެއްވެސް ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައި ނުވާ ކަމަށް އެ ޕޯޓަލުން ދައްކައެވެ.