އިންޓަނެޓާއި އޮންލައިން ގޭމުތަކުގެ މަޅިތަކުގައި ކުޑަކުދިންނާއި ޒުވާނުން ޖެހި ދިރިއުޅުން އެފުއްމިފުށަށް ޖެހިގެންދާ ވާހަކައަކީ މިހާރު އާ ވާހަކައެއް ނޫނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މާލެ އާއި ރާއްޖޭގެ ރަށްތައް ބަންދުކޮށްފައި އޮތް ދުވަސްވަރު ކުރިމަތިވި އެންމެ ބޮޑު އެއް މައްސަލަ އަކީވެސް މިއެވެ.
އިންޓަނެޓު މެދުވެރިކޮށް ކުޑަކުދިން ބްލެކްމެއިލް ކުރުމާއި ބަދުއަހުލާގީ އަމަލު ހިންގުމާއި ކުދިން ރޭޕްކުރުމުގެ އިތުރުން ޒުވާނުން އެމީހުންގެ އަގުހުރި ވަގުތުތަކާއި ފައިސާވެސް ގޭމުގެ އެކިއެކި ފީޗާސްތަކާއި ކެރެކްޓާސް ގަތުމަށް ބޭކާރުކޮށް އެންމެ ފަހުން އާއިލީ ދިރިއުޅުމުގައި މައްސަލަ ޖެހި ދެމަފިރިން ވަރިވާން ޖެހޭ ހިސާބަށްވެސް މިކަންތައް ގޮސްފައި އޮތުމަކީ ވިސްނާލަން ޖެހޭ ކަމެއް ނޫންހެއްޔެވެ؟
މާލޭގެ ގެސްޓްހައުސެއްގައި 11 އަހަރުގެ ކުއްޖަކު ރޭޕް ކުރުމާއި ރަށަކުން ކުއްޖަކު މާލެ ގެނެސް ބްލެކްމެއިލްކޮށް ގެސްޓްހައުސެއްގައި ރޭޕް ކުރި މައްސަލައެއް މިދޭތެރެއަކުން ފެންމަތިވުމާ އެކު ވެސް އެންމެ ގިނަ ބަޔަކު ކުރި ސުވާލަކީ އެ ކުދިންގެ ބެލެނިވެރިން ކޮބައިތޯއެވެ. އެހެންކަމުން މިކަމުގައި ބެލެނިވެރިންގެ ވެސް އިހުމާލު ބޮޑެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މިކަންތައް ހިނގީ ގިނަ ދުވަސްތަކެއް ވާންދެން އިންޓަނެޓު މެދުވެރިކޮށް ކުދިން "ގްރޫމް" ކުރުމަށް ފަހުއެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް، ސްޕެރިންޓެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރު ކުޑަކުދިންނާ ގުޅުން ހުރި މިފަދަ ގިނަ މައްސަލަތައް ކޮންމެވެސް ހިސާބަކުން އިންޓަނެޓާ ގުޅެއެވެ. ގައިގައި އަތްލައި ގޯނާ ކުރުމުގެ ކުރިން ފުރަތަމަ މުއާމަލާތުތައް ހިނގަނީ އިންޓަނެޓާއި އޮންލައިން ގޭމުތައް މެދުވެރިކޮށެވެ.
އެއްވެސް ލިމިޓެއް ނެތި އިންޓަނެޓް ބޭނުން ކުރަން ލިބިފައި އޮންނައިރު، އޭގެ ކޮންޓްރޯލް ވެސް އޮންނަނީ ކުދިންގެ އަތުގައެވެ. އިންޓަނެޓްގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ބެލެނިވެރިން ހޭލުންތެރިއެއް ނޫނެވެ. ގިނަ ފަހަރަށް އެއަށް މައްސަލައެއް ދިމާވިޔަސް ހައްލު ހޯދައިދޭން ބެލެނިވެރިން އެދެނީ ކުދިންގެ ގާތުންނެވެ. އެހެންވެ އިންޓަނެޓުން އެއްޗެހި ޑައުންލޯޑްކޮށް އަދި އަޕްލޯޑްކޮށް ހެދުމުގައި ކުދިންނަށް އެއްވެސް ހުރަހެއް ނެތެވެ. މިއީ އަވަސް ހައްލެއް ގެންނަން ޖެހިފައިވާ ކަމެކެވެ.
ބަޝީރު ވިދާޅުވީ އިންޓަނެޓްގެ ތެރެއަށް ކުދިން ގެއްލުނަ ނުދިނުމަށް އެ ބޭނުންކުރާ މިންވަރު ވެސް ލިމިޓްކުރަން ޖެހޭ ކަމަށެވެ. ޑައުންލޯޑް ނުވަތަ އަޕްލޯޑް ނުކުރެވޭ ގޮތް ހަދައި ކުދިން ބޭނުން ކުރާ އެޕްލިކޭޝަންތައް ބަލަން ޖެހެ އެވެ. އަދި ސޯޝަލް މީޑިއާ އާއި އޮންލައިން ގޭމުތަކާއި އެހެން އެޕްލިކޭޝަންތަކުން ވެސް ކުދިން މުއާމަލާތު ކުރާ މީހުން ބަލައި ދައްކާފައި ހުންނަ ވާހަކަތައް ގަވައިދުން ޗެކް ކުރަން ޖެހެއެވެ.
މީގެ އިތުރުން ކުދިންގެ ނިދާ ކޮޓަރީގައި ޓީވީ ނުވަތަ ވީޑިއޯ ގޭމް ހުރުމުން އެ ކުދިން ކިޔެވުމާއި ނިދުމުގައި ހޭދަކުރާ ވަގުތު މަދުވެއެވެ. ސްކޫލްގައި އެކަށީގެންވާ ރަނގަޅު ނަތީޖާ ނުހޯދޭ ސަބަބަކަށް މިކަން ވުމުގެ އިތުރުން އާދަޔާހިލާފަށް ކުދިން ފަލަވުމާއި ވީޑިއޯ ގޭމަށް ދެވިހިފުން ފަދަ ކަންތައްތައް ވެސް ދިމާވާކަން ވަނީ ދިރާސާ ތަކުން ސާބިތުވެފައެވެ.
އެމެރިކާގެ އައޯވާ ސްޓޭޓް ޔުނިވަސިޓީގެ ޕްރޮފެސަރު ޑަގްލަސް ޖެންޓިލް ވިދާޅުވީ ޓީވީ އާއި ވީޑިއޯ ގޭމް ފަދަ ތަކެތި ބަހައްޓާފައި ހުންނަ ތަން، ކުދިންގެ ދިރިއުޅުމުގައި ވަރަށް މުހިއްމު ދައުރެއް ކުޅޭ ކަމަށެވެ. އެގޮތުން ގޭގެ އެހެން ތަނެއްގައި މިފަދަ އެއްޗެތި ބެހެއްޓުމަށް ވުރެ ކޮޓަރި ތެރޭގައި ހުރެއްޖެ ނަމަ ފޮތް ކިއުމާއި ދަސްކުރުމާއި ނިދުމުގައި ހޭދަކުރާ ވަގުތު މަދުވެ ޓީވީ ބެލުމާއި ކުޅިވަރުގައި ހޭދަކުރާ ވަގުތު ގިނަ ވެއެވެ. މިއީ ސްކޫލުން ހޯދާ ނަތީޖާ ދަށްވާން މެދުވެރިވާ ސަބަބަކަށް ވެސް ވެއެވެ. ޖާނަލް ޑިވެލޮޕްމަންޓަލް ސައިކޮލޮޖީގައި ޝާއިއުކުރި މި ދިރާސާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ކޮޓަރި ތެރޭގައި ތިބެގެން ފިލްމު ބެލުމާއި ގޭމް ކުޅުމުގައި ގިނަ ވަގުތު ހޭދަކުރާ ކުދިންގެ ކިބައިން ހަރުކަށިކަމާއި އަނިޔާވެރިކަން ފެންނަލެއް ވެސް ބޮޑުވެ އެވެ.
އޮންލައިން ގޭމިން އަށް ޓެކްސެއް ލައިން ސްކްރީން ތަކާ ޒުވާނުން ދުރުކުރެވިދާނެބާ؟
ދާދި ފަހަކުން ތިމާވެއްޓަށް ލިބޭ ގެއްލުމުން ސަލާމަތްވުމަށް ޕްލާސްޓިކް ކޮންމެ ކޮތަޅަކުން 2 ރުފިޔާ ނެގުމަށް ނިންމާފައި ވާއިރު މިފަދަ ޓެކްސެއް ލައިގެންވެސް ޒުވާނުން މިވަނީ އޮންލައިން ގޭމަށް ދެވިހިފުމުން ސަލާމަތް ކުރަން ޖެހިފައެވެ. މިކަމަށް ސްޓްރީމް ކުރާވަރުގެ ޑޭޓާތައް އުރީދޫ އަދި ދިރާގުން ހޯދޭނެއެވެ.
ގައުމު ބިނާކުރަން ތިބި ޒުވާނުން މިފަދަ ކަންކަމުގައި އެމީހުންގެ އަގުހުރި ވަގުތައް ބޭކާރު ކުރުމަކީ ގައުމުގެ އިޖުތިމާއީ ހާލަތު ދަށަށްގޮސް އުފެއްދުންތެރިކަން ގެއްލޭނެކަމެކެވެ. ގައުމު އަޑިގަނޑަކަށް ވެއްޓެން މަގުފަހިވާނެކަމެކެވެ. ގޭމު ކުޅުމަކީ އެއްވެސް ހާލެއްގައި ގޯސް ކަމެއް ނޫނެވެ. އެކަމަކު ވަޒީފާއާއި އާއިލީ ކަންކަމަށްވެސް ވަގުތު ނުދެވި ލިބޭ ރުފިޔާ ކޮޅު އެކަމަށް ހަރަދުކޮށް ހުސްކޮށްލުމަކީ މައްސަލައެކެވެ.