ޔޫތް މިނިސްޓްރީ އާއި ގުޅިގެން އުރީދޫ ނޭޝަނުން ކުރިއަށް ގެންދިޔަ "ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2026 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މުބާރާތް ނިންމުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ޔޫތު ހަބްގައި ރޭ ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ. މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝާދީ ގަވާސްމީ އާއި ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަ ނީ އޮންލައިންކޮށް އަދި ލޭން (LAN) ފޯމެޓަށެވެ. މިއީ ރާއްޖޭގެ އެކި ކޮޅުތަކުގައި ތިބި ގޭމަރުންނަށް ވާދަވެރި މާހައުލެއް ފަހިކޮށް ދިނުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. ޓެކެން އަދި އީއޭއެފްސީ މުބާރާތްތައް ޔޫތު ހަބްގައި ލޭން އިވެންޓްތަކެއްގެ ގޮތުގައި ކުރިއަށް ދިޔަ އިރު، ޕަބްޖީ މޮބައިލް (PUBGM) އަދި މޮބައިލް ލެޖެންޑްސް: ބޭންގ ބޭންގ(MLBB) ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. މީގެ ސަބަބުން މުޅި ރާއްޖެއިން ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ.
ބައިވެރިވުމުގެ ތަފްސީލް
- އީއޭއެފްސީ: 20 ބައިވެރިން
- ޓެކެން: 16 ބައިވެރިން
- ޕަބްޖީ މޮބައިލް: 38 ޓީމު
- އެމްއެލްބީބީ: 38 ޓީމު
މި މުބާރާތުގެ ހުރިހާ ކެޓަގަރީއެއްގައި ވެސް ފެނިގެން ދިޔައީ ފޯރިގަދަ ކުޅުމަކާއި، ވަރުގަދަ ޓީމުވޯކެއްގެ އިތުރުން އާދަޔާ ހިލާފު ހުނަރުވެރި ކުޅުންތެރިންތަކެއް ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެއެވެ.
މުބާރާތުގެ ވަނަތައް:
- ޕަބްޖީ މޮބައިލް: އެއްވަނަ ޑީޖީއެން ސިންޑިކޭޓް، ދެވަނަ ގޭމްއޯވާ ރިޖެކްޓް އަދި ތިންވަނަ އެލްއެފް އަކަޒާޔާ
- މޮބައިލް ލެޖެންޑްސް: ބޭންގ ބޭންގ (MLBB)ގެ އެއްވަނަ އެލްއެންއެން ސްލީޕިން ފޮރެސްޓް، ދެވަނަ ކަޅުއޮށްފުމި އަދި ތިންވަނަ ކުއިސް ވެންގާޑްސް
- އީއޭއެފްސީ: އެއްވަނަ އެމްޔޫޖީ ޔާއިޝް، ދެވަނަ އެމްޔޫޖީ ރާއިދު އަދި ތިންވަނަ ޒަމީލް
- ޓެކެން: އެއްވަނަ އެމްޔޫޖީ އަބާން، ދެވަނަ ކުއިސް އީ-ސްޕޯޓްސް ތާބިޝް އަދި ތިންވަނަ އެމްޔޫޖީ އަޝްވާން
އުރީދޫ އިން ބުނީ، ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26 އިން އަނެއްކާ ވެސް ހާމަވެގެން ދިޔައީ ރާއްޖޭގައި ވާދަވެރި ގޭމިން ހަލުވިކަމާއެކު ކުރިއަރަމުންދާ މިންވަރު ކަމަށެވެ. މިއީ ޒުވާނުންނަށް އެކުދިންގެ ހުނަރު ދައްކާލުމަށާއި، ޑިޖިޓަލް ހުނަރުތައް ތަރައްގީ ކުރުމުގެ އިތުރުން މުޖުތަމައުގެ ބައިވެރިވުން އޮތް ފޯރިގަދަ މާހައުލެއްގައި ވާދަކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މިނިސްޓްރީއާއެކު އޮތް ގާތް ގުޅުމުގެ ތެރެއިން، އުރީދޫ ނޭޝަނުން ދެމިއޮންނާނީ ޒުވާނުން ބާރުވެރިކުރުވުމަށާއި، ރާއްޖޭގެ ގޭމިން ދާއިރާ ހަރުދަނާކޮށް، ޑިޖިޓަލްކޮށް ގުޅިފައިވާ ރާއްޖެއެއްގެ ތަސައްވުރަށް އެއްބާރުލުން ދިނުމަށް ކަމަށް ވެސް އުރީދޫން ބުނެއެވެ. ޖެހިޖެހިގެން ދެވަނަ އަހަރު މި ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލުމުން ދޭހަވަނީ ރާއްޖޭގައި އީ-ސްޕޯޓްސްއަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާ މިންވަރެވެ. އަދި މިއީ ކުރިމަގުގައި މިއަށްވުރެ ބޮޑެތި މުބާރާތްތަކަކަށް މަގުފަހިވެގެންދާނެ ކަމެކެވެ.
